Ads by Stelco

ޚަބަރު

ސަޢުދީ ސަރުކާރުން ރާއްޖެއަށް 25،500 މުޞްޙަފް ހަދިޔާކުރައްވައިފި

ސަޢުދީ ސަރުކާރުން ރާއްޖެއަށް 25،500 މުޞްޙަފް ހަދިޔާކުރައްވައިފި

ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި މުޞްޙަފްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔަތުގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2025، 05:33

20 ނޮވެމްބަރު 2025، 05:33

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖޭގެ ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ 25،500 މުސްޙަފް އިސްލާމީކަންތައްތަކާބެހޭ ވުޒާރާއަށް ހަދިޔާކުރައްވައިފިއެވެ.

މުސްޙަފްތައް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. 

މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އާއި ސަޢުދީ އެމްބަސީގެ އިސްވެރިންނާއި އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއާއި ދެމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ޝަހީމް ވަނީ ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގައި ހުންނަވާ ސަޢޫދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އަދި އެމްބަސީގެ މުވައްޒަފުންނަށްވެސް ވަޒީރު ޝުކުރު ދެންނެވިއެވެ.

ސަޢޫދީ ސަރުކާރުން ހަދިޔާކުރެއްވި 25،500 މުސްޙަފުގެ ތެރޭގައި ބޮޑެތި މުސްޙަފްތައްވެސް ހިމެނެއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި، މިސްކިތްތަކަށާއި، އިސްލާމީ މަރުކަޒުތަކަށް ކަމަށެވެ. މި މުސްޙަފްތަކަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތައް ފުޅާކުރުމަށް ބޭނުންކުރެވޭނެ މުސްޙަފްތަކެއް ކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.

މިއީ މި އަހަރު ސަޢޫދީ ސަރުކާރުން ރާއްޖެއަށް މުސްޙަފް ހަދިޔާކުރެއްވި ދެވަނަ ފަހަރެވެ. މި އަހަރުގެ އޭޕްރީލްމަހު 25،000 މުސްޙަފް ހަދިޔާކުރެއްވުމާއެކު، މި އަހަރުގެ ތެރޭގައި ޖުމްލަ 50،500 މުސްޙަފް ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ. މުސްޙަފްގެ އިތުރުން، މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ސަޢޫދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64،000 ފޮތްވެސް ހަދިޔާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން