Ads by Stelco

ޚަބަރު

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލެއިން 1500އަށް ވުރެ ގިނަ ތަން ފުލުހުން ޗެކްކޮށްފި

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލެއިން 1500އަށް ވުރެ ގިނަ ތަން ފުލުހުން ޗެކްކޮށްފި

މާލޭގެ މަގުމަތީގައި ފުލުހުން މީހަކާއި ސުވާލުކުރަނީ / ފޮޓޯ: ޕޮލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

20 ނޮވެމްބަރު 2025، 08:49

20 ނޮވެމްބަރު 2025، 08:49

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލެއިން 1،581 ތަން ފުލުހުން ޗެކްކޮށްފިއެވެ. 

މި ނޮވެންބަރު މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުން ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ހެންވޭރު ޕޮލިހުން 736 ތަން، ގަލޮޅު ޕޮލިހުން 426 ތަން އަދި މާފަންނު ޕޮލިހުން ވަނީ 419 ތަން ބަލާފާސްކޮށްފައެވެ.



މީގެ އިތުރުން 319 މީހަކު ހުއްޓުވުމަށްފަހު ސުވާލުކޮށްފައިވާކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ. 

އަދި ވައްކަމާއި ފޭރުމުގެ ތެރެއިން އެންމެ ގިނައިން ފައިސާ ގެއްލިފައިވާ މައްސަލަތައް ރިޕޯޓުކޮށްފައި ވަނީ ގަލޮޅު ޕޮލިހަށެވެ. ގަލޮޅު ޕޮލިހަށް ވަނީ ޖުމްލަ 94،000 ރުފިޔާގެ ގެއްލުމުގެ މައްސަލަތައް ރިޕޯޓުކޮށްފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ފާހަގަކޮށްލެވޭ ބައެއް ކަންކަން

  • ރިޕޯޓު ކުރެވުނު ހާދިސާ: 67
  • ހައްޔަރު: 5
  • ގޭގެ / ފިހާރަތަކަށް ކުރެވުނު ޒިޔާރަތް: 49
  • ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވާ ފައިސާގެ އަދަދު: 106،796 ރުފިޔާ
  • ހޯދުނު ފައިސާގެ އަދަދު: 131،996 ރުފިޔާ
  • ފައިމަގުގައި ޕެޓްރޯލް ކުރުން: 3،848 މިނެޓު

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ވަނީ މި މަހުގެ 13 ވަނަ ދުވަހު "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ. މިއީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ.

"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއްކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން