ޚަބަރު
ރައުދުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާއަށް އޭނާ އިޢުތިރާފުވެއްޖެ
ރައުދު އަހުމަދު ޒިލާލް ކަރެކްޝަންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރި ދުވަހެއްގައި ނަގާފައިވާ ފޮޓޯއެއް---
ފަރުދުން
21 ނޮވެމްބަރު 2025، 10:33
21 ނޮވެމްބަރު 2025، 10:33
މި އަހަރުގެ އެޕްރީލް 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޙައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަޙުމަދު ޒިލާލުގެ މައްޗަށް ދަޢުލަތުން ކުރި ދަޢުވާއަށް އޭނާ އިޢުތިރާފުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މެއި މަހުގެ ފަހުކޮޅެވެ. އަދި މި ކުށަށް ރަޢުދު އިޢުތިރާފުވީ، މިދިޔަ ބުދަ ދުވަހު އޮތް އަޑުއެހުމުގައެވެ.
މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ދަޢުލަތުން ދަޢުވާ އުފުލާފައިވާ ރައުދު އަޙްމަދު ޒިލާލްގެ ފަރާތުން އިޢުތިރާފްގެ އެއްބަސްވުމެއް ހެދުމަށް އެދި ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް އެ އޮފީހުން މިމައްސަލައިގައި އިޢުތިރާފްގެ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.
އަދި މި މައްސަލައިގެ އަވަސްނިޔާގެ އަޑުއެހުން މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ރައުދުގެ މައްޗަށް ކޮށްފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދަޢުވާއެވެ. ރައުދުގެ މައްޗަށް ދައުވާކުރާ ސަބަބެއް ކަމަށް ބުނެފައި ވަނީ، ޔުމްނު ފެންޓެނޯއީ ގެއިން މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނުކަން އެނގިހުރެ އޭނާއަށް އެހީތެރިވެދީފައި ނުވާތީ އާއި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށް ޕީޖީން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން ރައުދު ކުރިން ބަންދުކުރި ނަމަވެސް، އޭނާ ބަންދުން ދޫކޮށްލުމަށް ފުލުހުންނަށް އިރުޝާދު ދިނީ، އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓައިފިނަމަ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގެ އަދަބަށްވުރެ ގިނަ ދުވަހު ބަންދުގައި ހުންނަން ޖެހިދާނެތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރިންވަނީ ހާމަކޮށްފައެވެ.