Ads by Stelco

ޚަބަރު

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމެންޓުގެ %91 ނިމިއްޖެ

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމެންޓުގެ %91 ނިމިއްޖެ

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 ނޮވެމްބަރު 2025، 04:27

21 ނޮވެމްބަރު 2025، 04:27

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ސެގްމެންޓުގެ %91 ނިމިފައިވާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ. އެގޮތުން އެ ސެގްމެންޓުގައި މިހާރު ވަނީ ތާރުއެޅުމާ ގުޅޭ މަސައްކަތްތައް ފަށާފައެވެ.

އެމްޓީސީސީއިން ބުނީ، މިހާރު ކުރިއަށްދަނީ ތާރު އެޅުމާ ގުޅޭ މަސައްކަތްތައް ކަމަށާއި،  އެގޮތުން ތާރު ފަށަލަ އެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔަރގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އޭބީސީ ލޭޔަރގެ މަސައްކަތް ނިމުމާއެކު، ތާރު އެޅުމުގެ މަސައްކަތް ފަށާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލްއާ ހަމައަށެވެ. އަދި ސެގްމަންޓް 1ގައި ހިމެނެނީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންއާ ހަމައަށެވެ. އެއީ ދިގުމިނުގައި 130 މީޓަރު ހުންނަ ސަރަޙައްދެވެ.



އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި ޔުޓިލިޓީ ވިއުގައިގެ މަސައްކަތްތަކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި ސައިޑް ވޯކްގެ %87 މަސައްކަތް ވެސް ނިންމާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

މި މަސައްކަތުގެ ތެރޭގައި ހިމަނައިގެން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކޮށްފައިވަނީ މަގު ފުޅާކުރުމަށްޓަކައި ބޭރުތޮށި 6 މީޓަރު ބޭރަށް ޖެއްސުމަށްފަހުއެވެ.

މުޅި މިމަޝްރޫޢުގެ 5 ސެގްމަންޓްގައި ޖުމްލަ 830 މީޓަރުގެ މަގު ތަރައްޤީކުރެއެވެ. މަސައްކަތްތައް އަވަސްކުރުމަށްޓަކައި އެމްޓީސީސީން 24 ގަޑިއިރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން މަސައްކަތްކުރަމުންދަނީ، ތާރު އެޅުމާ ގުޅޭ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން