ވިޔަފާރި / ޚަބަރު
ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ރިސޯޓު ތަރައްޤީ ކުރުމަށް ހުޅުވާލައިފި
ށ އަތޮޅުގައި ތަރައްޤީކޮށްފައިވާ ސިއްރު ފެންފުށި ރިސޯޓު. / ފޮޓޯ: ވިޒިޓް މޯލްޑިވްސް
ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ރާއްޖޭގެ އުތުރުގައި އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަން ތަރައްޤީވަމުން ނުދިއުމާ ގުޅިގެން، ސަރުކާރުން ވަނީ އެ ސަރަޙައްދުގައި ފަތުރުވެރިކަން ތަޢާރަފްކުރުމަށް މުހިންމު ސިޔާސަތުތަކެއް އެކުލަވާލާފައެވެ. އަދި އެކަމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، 03 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް ބީލަން ހުށަހެޅުމަށް ހުޅުވާލި މި ފުރުސަތަކީ ވެސް ބޮޑުތިލަދުންމައްޗަށް ފަތުރުވެރިކަން ފުޅާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ބޮޑުތިލަދުންމަތީގައި ރިސޯޓު ތަރައްޤީ ކުރުމަށް ދޫކުރަން ހަމަޖެހިފައިވަ ފަޅުތައް:
- ހއ. ކެލާގެ 2 ފަޅު
- ހއ. މާދުނީގެ 3 ފަރު
- ހދ. މަކުނުދޫގެ 2 ފަރު
- ހދ. މާފަރުގެ 3 ފަރު
- ށ. ގޮނާގެ 3 ފަރު
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ފަޅުތަކުން ބިން ހިއްކައިގެން ރިސޯޓުތައް ތަރައްޤީކުރެވޭނެ ކަމަށެވެ. އެގޮތުން ކެލާ ފަޅު (ކެލާ ފަޅު 1: 156.2 ހެކްޓަރު / ކެލާ ފަޅު 2: 169.3 ހެކްޓަރު ) ފިޔަވައި އެހެން ހުރިހާ ފަޅެއްގައި 200 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓްތައް ތަރައްޤީކުރެވޭނެ ކަމަށެވެ. އަދި ތަރައްޤީކުރެވޭ ރިސޯޓުގައި މަދުވެގެން 150 އެނދު ހުންނަން ޖެހޭނެކަމަށްވެސް އެ ވުޒާރާއިން ޝަރުތުކުރެއެވެ.
މި ފަޅުތައް 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ބިން ދޫކުރެވޭތާ 35 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަންޖެހެއެވެ.
ސަރުކާރުން ވަނީ މި ފަޅުތައް ތަރައްޤީ ކުރާ ފަރާތްތަކަށް ގިނަ ލުއިތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން ރިސޯޓު ތަރައްޤީކުރުމަށް ގެންނަ ތަކެތީގެ ކެޕިޓަލް އިންވެސްޓްމަންޓްގެ %15 އާ ހަމައަށް ޑިއުޓީ މަޢާފްކޮށްދިނުމުގެ އިތުރުން، ރިސޯޓު ތަރައްޤީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސްސަސް އާއި އިލެކްޓްރޯނިކް އަދި އެހެނިހެން ސާމާނުން ޑިއުޓީ މަޢާފު ދޭ ކެޓެގަރީއަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް އެ ވުޒާރާގެ ވެބްސައިޓުގައި ވެއެވެ. އަދި 23 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 02 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އާއި ދެމެދު ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ރިސެޕްޝަނުން ބީލަން ފޮތް ލިބޭނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އަދި މި ފަޅުތަކުގައި ރިސޯޓުތައް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ވާރޗުއަލް ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ފުރަތަމަ ބައްދަލުވުން ޑިސެމްބަރު މަހުގެ 9ވަނަ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބައްދަލުވުން އޮންނާނީ މިއަންނަ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުއެވެ.