ކުޅިވަރު
ޑޭވިސް ކަޕް: ރާއްޖެއިން ގްރޫޕް ފަހެއްގެ އެއްވަނަ ހޯދައި، ގްރޫޕް ހަތަރަކަށް ކޮލިފައިވުމުގެ އުއްމީދު އައުކޮށްފި
ތަޖިކިސްތާންއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗު / ފޮޓޯ: ބަހްރެއިން ޓެނިސް ފެޑެރޭޝަން
ބަޙްރެއިންގައި މިހާރު ކުރިޔަށްދާ ޑޭވިސް ކަޕް ނުވަތަ ފިރިހެނުންގެ ޓެނިސް ވޯލްޑް ކަޕްގެ ގްރޫޕް ފަހެއްގެ ސަރަޙައްދީ ކެޓަގަރީއިން ދިވެހިރާއްޖޭގެ ޓެނިސް ޓީމު އެއްވަނަ ހޯދައި، ގްރޫޕް ހަތަރަކަށް ކޮލިފައިވުމުގެ އުއްމީދު އައުކޮށްފިއެވެ.
ގްރޫޕްގެ ފަހު މެޗުގައި ރާއްޖެއިން ނިކުތީ ތަޖިކިސްތާންއާ ދެކޮޅަށެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-1އިންނެވެ.
ބަޙްރެއިންގެ އިސާ ޓައުންގެ ބަޙްރެއިން ޓެނިސް ފެޑެރޭޝަން ޕޮލިޓެކްނިކް ޔުނިވަރސިޓީގައި ހުކުރު ދުވަހު ތަޖިކިސްތާންއާ ދެކޮޅަށް ސިންގަލްސް ފުރަތަމަ މެޗުގައި ނިކުތީ ދާއޫދު ޝަހީބެވެ. އެ މެޗުގެ ފުރަތަމަ ގޭމު 7-6އިން ދާއޫދު ކާމިޔާބުކުރި ނަމަވެސް، ފަހު ދެ ގޭމު، 6-4 އަދި 6-0އިން ކާމިޔާބު ކުރީ ތަޖިކިސްތާންގެ އިސްކަންދަރު އިސްމޮއިލްއެވެ.
ތަޖިކިސްތާންއާ ދެކޮޅަށް ކުޅުނު ސިންގަލްސް ދެވަނަ މެޗުގައި ރާއްޖޭގެ އަބްދުالله ފާއިހް ފަޒީލް ތަޖިކިސްތާންގެ އަހުމަދުޒޮން ކޮސީމީ ބަލިކުރީ 6-3 އަދި 6-3އިންނެވެ.
އަދި ރާއްޖޭގެ ޕެއަރއަށް ޑަބަލް މެޗުގެ ފުރަތަމަ ގޭމު 6-1އިން ގެއްލުނު ނަމަވެސް، ފަހު ދެ ގޭމު 6-2 އަދި 6-4އިން ކާމިޔާބުކޮށް ތަޖިކިސްތާނު ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދިއެވެ.
މި ގްރޫޕްގެ އެއްވަނަ ރާއްޖެއިން ހޯދީ ޔޫއޭއީ އާއި މަކާއު ވެސް 2-1 އިން ބަލިކުރުމަށްފަހުއެވެ.
ޕްލޭއޮފް މެޗުގައި ރާއްޖެއިން މިއަދު ކުޅޭނީ ނޮދަން މެރިއާނާ އައިލެންޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ، އޭޝިއާ/އޯޝެނިއާގެ ހަތަރު ވަނަ ގްރޫޕަށް ރާއްޖެ ޕްރޮމޯޓުވާނެއެވެ.