Ads by Stelco

ޚަބަރު

ޒަކާތު ފަންޑުން ފާއިތުވި ދެ އަހަރުތެރޭ 24 މީހަކަށް އެހީތެރިކަން ދީފައިވޭ

ޒަކާތު ފަންޑުން ފާއިތުވި ދެ އަހަރުތެރޭ 24 މީހަކަށް އެހީތެރިކަން ދީފައިވޭ

ތެލެސީމިޔާގެ ބަލިމީހެއްގެ ގަޔަށް ލޭއަޅަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ނޮވެމްބަރު 2025، 12:13

22 ނޮވެމްބަރު 2025، 12:13

ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ޒަކާތު ފަންޑުގެ އެހީގައި ޖުމްލަ 24 މީހަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް (ބީއެމްޓީ) ހެދުމުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. 

އެންސްޕާއިން ވަނީ 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ޒަކާތު ފަންޑުން ބީއެމްޓީއަށް ޚަރަދުކޮށްފައިވާ މައުލޫމާތު ހިއްސާކޮށްފައެވެ.

އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޒަކާތު ފަންޑުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 2023 ވަނަ އަހަރު 5 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިކަމަށް 3،851،947.62 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރު 9 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އެއީ 7،303،110.34 ރުފިޔާއެވެ. މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް (2025) 10 މީހަކަށް 1،513،821.06 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޒަކާތު ފަންޑުގެ ދަށުންނެވެ. މިކަމަށްޓަކައި 2024 ވަނަ އަހަރު ސިއްޙީ ވުޒާރާއާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ދެމެދު ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. ސަރުކާރުގެ މުހިއްމު ސިޔާސަތެއްގެ ގޮތުގައި މިހާރު ވަނީ ތެލަސީމިއާގެ ފަރުވާގެ ޚިދުމަތްތައް ހަރުދަނާކޮށް، ހިލޭ ބީއެމްޓީ ހެދޭނެ މަގުފަހިކޮށްދިނުމަށް ނިންމާފައެވެ. މި ސިޔާސަތުގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކު ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

އާބާދީގެ ނިސްބަތުން ރާއްޖެއަކީ ތެލަސީމިއާ ކުދިން އެންމެ ގިނަ އެއް ޤައުމެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތައް 30 އަހަރުވެފައިވާ އިމާރާތުން ހުޅުމާލޭ އޮރެންޖް ހިޔާއަށް ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން، މާލެ ސަރަޙައްދުގައި ތެލަސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުންދަނީ ކުރައްވަމުންނެވެ.

ތެލަސީމިއާ ކުދިންގެ އާބާދީ ކޮންޓްރޯލްކުރުމަށްޓަކައި، ސްކޫލް ނިމޭ ހިސާބުން ކޮންމެ ކުއްޖަކީވެސް ތެލަސީމިއާއަށް ޓެސްޓުކުރެވިފައިވާ ކުއްޖަކަށް ހެދުމަށް ނިންމާ އެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ތެލަސީމިއާ ބަލި މުޖުތަމަޢުގައި ފެތުރުން ކޮންޓްރޯލްކޮށް، ބަލީގެ ޝިކާރައަށްވާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ފަސޭހަކޮށްދިނުމަށް އެހީތެރިވެގެންދާނެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން