ޚަބަރު
އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގެ ރައުންޑް ޓޭބަލް ސެޝަނެއްގައި ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންފި
ސެޝަންގެ ތެރެއިން/ފޮޓޯ: ޚާރިޖީ ވުޒާރާ
ހަތަރު ވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމް ގެ ހަވާސާގެ ތެރެއިން "ކޮމަން އެންޑެވަރސް ފޮރ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗަރ" ގެ ނަމުގައި ބޭއްވުނު ރައުންޑްޓޭބަލް ސެޝަނެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲޚަލީލް ބައިވެރިވެވަޑައިގެންފި އެވެ.
މި ސެޝަންގައި، ވަޒީރު ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާފައިވެއެވެ. ހަމަ އެހެންމެ، ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ގެ ދަށުން މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އުއްމީދީ އަމާޒުތަަކާއި ލަނޑުދަނޑިތަކަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފަ އެވެ.
އެގޮތުން، ވައިގެ ތެރެއަށް ގްރީންހައުސް ގޭސް ދޫކުރާ މިންވަރު 1.52 މިލިއަން ޓަނަށް 2035 ގެ ކުރިން ދަށްކުރުމަށާއި، 2028 ކުރިން ދިވެހިރާއްޖޭގައި ޖެނަރޭޓް ކުރާ ކަރަންޓުގެ %33 އަކީ އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުކުރުމަށާއި، "ނޭޝަނަލް ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ޕްލޭނިންގ" ގެ ތެރޭގައި ކްލައިމެޓް ރެސިލިއަންސް ހިމެނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ ގޮތުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބެމުން އަންނަ އެހީތެރިކަމަކީ މުޅި ދުނިޔެއަށް ލިބޭ އެހީއެއްކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ޔޫރަޕިއިން ޔޫނިއަން އިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވެދެއްވާ ޔޫރަޕިއަން ގްރީން ޑީލް "ފިޓް ފޮރ 55 ޕެކޭޖް" ފަދަ އިސްނެގުންތަކަކީ މުޅި ދުނިޔެ އަށް މިކަމުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ލިބިގެންދާ ހިތްވަރެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ.