ޚަބަރު
އަހަރުގެ މިހާތަނަށް ރާއްޖެއަށް ދެމިލިއަނާ ގާތްކުރާ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް. ފޮޓޯ:ދައުރު
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދެ މިލިއަނާ ގާތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވުޒާރާއިން އާންމުކުރި ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިހާތަނަށް ރާއްޖެއަށް 1.94 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.77 މިލިޔަން ފަތުރުވެރިންނެވެ. އެހެންކަމުން، މިއަހަރުގެ ޢަދަދުތައް މިދިޔަ އަހަރާ އަޅާ ބަލާއިރު %9.9 އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ހަމަވާން ދެން ބޭނުންވަނީ އެންމެ 50،587 ފަތުރުވެރިންނެވެ.
މިމަހުގެ ފުރަތަމަ 19 ދުވަސްތެރޭގައި ރާއްޖެއަށް 122،479 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޢަދަދަށްވުރެ %11.6 އިތުރު ޢަދަދެކެވެ. މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6446 ފަތުރުވެރިން އާދެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި އެންމެ ކުރީގައި އޮތީ ޗައިނާއެވެ. ޗައިނާއިން 305،500 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން (245،989) އެވެ. އަދި ތިންވަނައިގައި އޮތީ އިނގިރޭސިވިލާތް (173،970) އެވެ. މީގެ އިތުރުން ޖަރުމަނުވިލާތް (146،935) އަދި އިޓަލީވިލާތް (127،248) ވެސް ވަނީ އެންމެ ގިނަ ފަތުރުވެރިން އައި ފަސް ޤައުމުގެ ތެރޭގައި ހިމެނިފައެވެ.
ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ފަތުރުވެރިން (%73.7) ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރީ %21.6 ފަތުރުވެރިންނެވެ. ހޮޓެލްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ %2.1 ފަތުރުވެރިންނެވެ. މި ތަފާސްހިސާބުތަކުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދަނީ ހަރުދަނާކަމާއެކު ކުރިއަރަމުންކަމެވެ.