ޚަބަރު
ކުށް މަދު އަމާން މުޖްތަމަޢެއް ޤާއިމުކުރުމަށް ވެލިދޫގައި ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި
އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: ފުލުހުން
ކުށް މަދު އަމާން މުޖްތަމަޢެއް ޤާއިމުކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ނ. ވެލިދޫގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މަހުގެ 19 ވަނަ ދުވަހު ވެލިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން އަމާޒުކުރެވިފައި ވަނީ އެ ރަށަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށާއި މަސްތުވާތަކެތި ދައުރުވުމާ އަދި މަސްތުވާތަކެއްޗާ ގުޅުންހުރި އެހެނިހެން ކުށްތައް ހިންގުމަށް ހުރި ފުރުޞަތުތައް މަދުކުރުމަށް ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަންގައި، ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުން އެއްވެ ތިބޭ ސަރަޙައްދުތަކާއި ކުށްކުރާކަމަށް ފާހަގަކުރެވޭ ތަންތަނާއި ކުށުގެ މާޙައުލުގައި އުޅޭ ފަރާތްތައް އުޅޭ ތަންތަނާއި މީހުން ބަލައިފާސްކުރުމުގެ މަސައްކަތް ކުރެވިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، އެއްގަމު އުޅަނދު ޤަވާއިދާ އެއްގޮތަށް ހުރިތޯ ބެލުމާއި ޓްރެފިކް ޤަވާއިދުތަކާ އެއްގޮތަށް އެއްގަމު އުޅަނދު ދުއްވުމަށް ބާރު އެޅުމަށްޓަކައި ޓްރެފިކް އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކުށްމަދު އަމާން މާޙައުލެއް ރަށްރަށުގައި ޤާއިމުކުރުމަށް ރައްޔިތުންނާ ގުޅިގެން ފުލުހުން ތަފާތު ޙަރަކާތްތައް ހިންގަމުންދާކަން ފާހަގަކޮށްލެވެއެވެ.