ޚަބަރު
ކުރީގެ ވެރިޔަކު ޤާނޫނުތަކާއި ޚިލާފުވާން ގޮވާލުމަކީ ބޮޑު ކުށަކަށް ދަޢުވަތުދިނުން: ފަލާޙް
އެމްޕީ އިބްރާހިމް ފަލާޙް. ފޮޓޯ: ޕީއެންސީ
ވެރިކަން ކޮށްފައިވާ ވެރިޔަކު ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފުވާން ރައްޔިތުންނަށް ގޮވާލުމަކީ ވަރަށް ބޮޑު ކުށަކަށް ދަޢުވަތު ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާޙް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ މިފަދައިން ވިދާޅުވެފައިވަނީ، ރިސޯޓްތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގެނައި ބަދަލާ ދެކޮޅަށް މުޅި ރިސޯޓް އިންޑަސްޓްރީ ތެދުވެ، އެކަމާ ދެކޮޅު ހަދަން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.
ފަލާޙް ވިދާޅުވީ، މިކަމުން ހާމަވަނީ ރައީސް ޔާމީނުގެ ނުބައިކަމާއި އަމިއްލަ އެދުމުގެ ބޮޑުކަމާއި، ވެރިކަމަށް އޮތް ދަހިވެތިކަމާއި ހަސަދަވެރިކަން ކަމަށެވެ. އަދި ފަހަކަށްއައިސް އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލަން ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތުން، އެމަނިކުފާނު ދައްކަވާ ވާހަކަފުޅާއި އަމަލާ ދިމާނުވާ މިންވަރު ހާމަވާ ކަމަށްވެސް ފަލާޙް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޔާމީން ފަދަ ބޭފުޅަކަށް މިއަދުވެސް ގޭގައި ހުންނެވުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި އަދި ޤައުމުވެސް ލަދުވެތިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ރައީސް ޔާމީން ދައުލަތުން ނަންގަވާފައިވާ ކަމަށް ބުނާ އެތައް މިލިއަން ޑޮލަރެއް ދައުލަތަށް ހޯދިއްޖެނަމަ، މިހާރުން މިހާރަށް ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ފަލާޙްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން ފުވައްމުލަކުގައި ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވިދާޅުވެފައިވަނީ، ރިސޯޓްތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމަކީ ރިސޯޓްތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށާއި، މި ނިންމުމަށް ބޯލަނބައިފިނަމަ ރިސޯޓްތައް ބަންދުކުރަން ޖެހޭ ހާލަތަށް ހިނގައިދާނެ ކަމަށެވެ. އަދި ހުރިހާ ރިސޯޓްތަކަކުން ވެސް މިކަން ނުކުރެވޭނެ ކަމަށް ބުނެ ދެކޮޅު ހަދަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.