ދުނިޔެ / ވިޔަފާރި
ފޯލްޑަބަލް އައިފޯނެއް ތައާރަފުކުރުމަށް އެޕަލްއިން ނިންމައިފި!
ފޯލްޑަބަލް އައިފޯނެއްގެ ކުރެހުމެއް
އިލެކްޓްރޯނިކްސް ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލްއިން، އެކުންފުނީގެ އައިފޯންތައް ތައާރަފުކުރަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ބަދަލާއެކު 2026 ވަނަ އަހަރު، އެޕަލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފޯލްޑަބަލް އައިފޯނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ.
ބްލޫމްބަރގް ރިޕޯޓަކާ ހަވާލާދީ ނެރެފައިވާ ޚަބަރުތަކުގައިވާ ގޮތުން، އެޕަލްއިން އާންމުކޮށް ސެޕްޓެމްބަރު މަހު ނެރޭ އައިފޯންތަކުގެ ތެރެއިން، އައިފޯން 18ގެ ސްޓެންޑަރޑް މޮޑެލް 2026 ވަނަ އަހަރު ނުނެރޭނެއެވެ. އެހެން ކަމުން، 2026 ގައި ނެރެން ހަމަޖެހިފައިވަނީ ހަމައެކަނި އައިފޯން 18 ޕްރޯ މޮޑެލްތަކެވެ. މި ބަދަލުގެ ސަބަބެއް ކަމަށް ބެލެވެނީ މުވައްޒަފުންނަށް މަސައްކަތުގެ ބުރަ ކުޑަކޮށް، ކުންފުނީގެ އާމްދަނީ އިތުރުކުރުމެވެ.
މި ބަދަލާއެކު، އައިފޯން 18ގެ ސްޓެންޑަރޑް މޮޑެލް، އައިފޯން 18 އެއަރ، އަދި އައިފޯން 18 އީ މޮޑެލްތައް ނެރެވޭނެކަމަށް ބެލެވެނީ 2027 ވަނަ އަހަރުގެ މާޗް މަހާއި މޭ މަހުގެ ދެމެދުގައެވެ. އާންމުކޮށް އެޕަލްއިން އައިފޯންތައް ތައާރަފުކުރަނީ ސެޕްޓެމްބަރު މަހުއެވެ. އަދި އެސްއީ ނުވަތަ އީ ވާޝަންތައް އަހަރުގެ ކުރީކޮޅު ނެރެއެވެ.
2026 ގައި އައިފޯން 18 ޕްރޯ މޮޑެލްތަކާއެކު އެޕަލްއިން ތައާރަފުކުރާ ފުރަތަމަ ފޯލްޑަބަލް އައިފޯނަކީ، އެ ކުންފުނިން މި ފަހުން ތައާރަފުކުރާ އެންމެ މުހިންމު އެއް އީޖާދަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. މި ފޯލްޑަބަލް އައިފޯނުގައި ޑިސްޕްލޭގެ ތެރޭގައި ކެމެރާ ހަރުކޮށްފައި ހުންނާނެ ކަމަށާއި، ފޮތެއް ފަދައިން ހުޅުވައި ބަންދުކުރެވޭ ފަދަ ޑިޒައިނެއް ހުންނާނެ ކަމަށް އަޑުތައް ފެތުރިފައިވެއެވެ.
މީގެ އިތުރުން، މި ފޯނުގައި ހައި-ޕާފޯމަންސް ބެޓެރީއެއް އަދި އެޑްވާންސްޑް ސްޕެސިފިކޭޝަންސް ހުންނާނެ ކަމަށް ވެއެވެ. މި ސަބަބުތަކަށްޓަކައި މި ފޯން ޕްރިމިއަމް އަގަކަށް ލިބޭނެ ކަމަށް ބެލެވޭއިރު، ކުރީގެ ރިޕޯޓުތަކުން ލަފާކުރާ ގޮތުގައި އޭގެ އަގު 2,100 ޑޮލަރާއި 2,500 ޑޮލަރާ ދެމެދުގައި ހުރެދާނެއެވެ.
ފޯލްޑަބަލް އައިފޯނުގައި 7.9 އިންޗީގެން 8.3 އިންޗީގެ ފްލެކްސިބަލް އޯއެލްއީޑީ ޑިސްޕްލޭއެއް ހުންނާނެ ކަމަށް ލަފާކުރެވޭއިރު، އެއީ ކިތަންމެ ފަހަރަކު ފިތާލިޔަސް ހަލާކުނުވާނެ ޑިސްޕްލޭއެއް ކަމަށް ވެއެވެ. މީގެ އިތުރުން، ވަރުގަދަ އާ ޕްރޮސެސަރެއް އަދި ހައި-އެންޑް ކެމެރާ ސިސްޓަމެއްވެސް މި ފޯނުގައި ހިމެނޭނެއެވެ. މި ފޯލްޑަބަލް އީޖާދަކީ މިހާތަނަށް އެޕަލްއިން ނެރެފައިވާ އެންމެ މުހިންމު އަދި އީޖާދީ އައިފޯނަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.