ދުނިޔެ / ވިޔަފާރި
ވޭމޯ އަދި ޓެސްލާ ފަހަތަށް ޖައްސާ ޗައިނާގެ ރޮބޯޓެކްސީ ދުނިޔޭގައި ކުރި ހޯދައިފި!
ޗައިނާގެ ރޮބޯ ޓެކްސީ
ޗައިނާގެ ރޮބޯޓެކްސީ އިންޑަސްޓްރީ، އެމެރިކާގެ ބޮޑެތި ކުންފުނިތަކެއް ކަމަށްވާ ވޭމޯ އަދި ޓެސްލާ އަށް ވުރެ ކުރި ހޯދައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިހާރު ދުނިޔޭގައި އޮޓޮނޮމަސް ވެހިކަލް ނުވަތަ އަމިއްލައަށް ދުއްވޭ އުޅަނދުތަކުގެ ޓެކްނޮލޮޖީ މާކެޓް ފުރިހަމަވެ، ގިނަ އަދަދެއްގެ ފަރާތްތަކުން މި ޓެކްނޮލޮޖީ ތަޖުރިބާކޮށް، އެކަމަށް ހިތްވަރުދޭ ފީޑްބެކް ދެމުންދާތީ، މި ސިނާއަތުގެ ގަވާއިދު ހަދާ ފަރާތްތަކުން މިހާރު ދަނީ މި ޓެކްނޮލޮޖީ ބަލައިގަތުމަށް ބާރުއަޅަމުންނެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގޯލްޑްމަން ސެކްސް އަންދާޒާ ކުރާ ގޮތުގައި، 2030 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ރޮބޯޓެކްސީ މާކެޓް 25 ބިލިއަން ޑޮލަރު ހުރަސްކުރާނެއެވެ. މި ރޭހުގައި ޗައިނާގެ ކުންފުނިތައް އެމެރިކާގެ ވާދަވެރިންނަށް ވުރެ ކުރި ހޯދަމުންދާއިރު، އެމެރިކާގެ ކުންފުނިތައް ދަނީ މަޑުޖެހެމުންނެވެ.
ޗައިނާގެ ކުންފުނިތަކުން ދުނިޔޭގެ ބާޒާރުގައި ވަރުގަދަ ކުރިއެރުންތަކެއް ދައްކަމުން އެބަދެއެވެ. ފާއިތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި، ބައިޑޫ ، ޕޯނީ.އައި އަދި ވީރައިޑް ފަދަ ކުންފުނިތަކުން ވަނީ އުބަރ އާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގައި ރޮބޯޓެކްސީ ހިދުމަތް ދޭން ފަށާފައެވެ. މި ގުޅުމުގެ ސަބަބުން މި ކުންފުނިތަކަށް އަވަހަށް ފުޅާވެ، ހިންގުމުގެ ޚަރަދުތައް ކުޑަކުރެވިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ބައިޑޫއިން ދާދި ފަހުން އިއުލާންކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ އެޕޮލޯ ގޯ ޔުނިޓުން ވޫހާންގައި ދުއްވާ 1,000 އަށް ވުރެ ގިނަ އުޅަނދުން ވަނީ ފައިދާ ލިބޭ ހާލަތަކަށް އައިސްފައެވެ. އެ ކުންފުނިން ބުނާ ގޮތުގައި، އަމިއްލައަށް ކަރަންޓުން ދުއްވާ ރޮބޯޓެކްސީ އުޅަނދުތައް އުފެއްދުމުގެ ސަބަބުން ޚަރަދު 50 އިންސައްތަ ކުޑަކުރެވިފައިވެއެވެ.
ޗައިނާގެ ބޭރުގައި ހިންގާ އެޕޮލޯ ގޯގެ އޮޕަރޭޝަންސް ހެޑް، ހަލްޓަން ނިއު ވިދާޅުވީ، ދެވަނަ ފަންތީގެ ސިޓީތަކުން ފައިދާ ލިބޭ ހާލަތަކަށް އައުމަކީ މި މޮޑެލް ދުނިޔޭގެ އެހެން ހިސާބުތަކަށްވެސް ފުޅާކުރެވޭނެކަމުގެ ހެއްކެއް ކަމަށެވެ. އަދި މިކަމަށް ކާމިޔާބު ހޯދުމުގެ އަސާސަކީ ބޮޑު ފްލީޓެއް (ގިނަ އަދަދެއްގެ އުޅަނދު) ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޗައިނާގެ ކުންފުނިތަކުން ދުނިޔޭގެ ފެންވަރުގައި އެ ކުންފުނިތަކުގެ ދައުރު ވަރުގަދަ ކުރުމަށް ދަނީ ހަލުވިކަމާއެކު މަސައްކަތް ކުރަމުންނެވެ. އަބޫދާބީން ވަނީ އެޕޮލޯ ގޯއަށް ޑްރައިވަރަކާ ނުލައި ފައިސާ ނަގައިގެން ދަތުރުކުރުމުގެ ހުއްދަ ދޫކޮށްފައެވެ. ހަމަ އެހެންމެ، ވީރައިޑަށްވެސް މިފަދަ ހުއްދައެއް ލިބިފައިވާއިރު، މީގެ ސަބަބުން މުވައްޒަފުންނާ ނުލައިވެސް ކޮންމެ އުޅަނދަކުންވެސް ފައިދާ ލިބޭނެކަން ކަށަވަރުވެއެވެ. ޕޯނީ.އައި އިން ދަނީ 2026 ވަނަ އަހަރު ދުބާއީގައި ކޮމާޝަލް ހިދުމަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި ޔޫރަޕާއި ސިންގަޕޫރަށްވެސް އެ ކުންފުނި ފުޅާކުރުމަށް ރާވާފައިވެއެވެ.