ޚަބަރު
މި އަހަރުގެ ނިޔަލަށް ހުރިހައި ބައިނަލްއަޤުވާމީ އެއާލައިނެއް އާ ގިމަތައަށް ބަދަލުކުރެވޭނެ: ވަޒީރު ޠާރިޤު
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް. ފޮޓޯ: ހޮޓެލިއަރ
ފަރުދުން
22 ނޮވެމްބަރު 2025، 04:37
22 ނޮވެމްބަރު 2025، 04:37
މި އަހަރުގެ ނިޔަލަށް، ވެލާނާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގެ އާ ގިމަތައަށް، ހުރިހައި ބައިނަލްއަޤުވާމީ އެއާލައިނެއްގެ ޚިދުމަތް ބަދަލުކުރެވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، އަދުގެ ސަރުކާރަށް 2 އަހަރު ފުރުމާ ގުޅިގެން ޕީ.އެސް.އެމް. ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ތަރައްޤީ ގެނައުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ވެލާނާ ވައިގެ ބަނދަރުގައި ބިނާކުރި އާ ގިމަތަ ނިންމައި، މި އަހަރުގެ ޖުލައި މަހު ހުޅުވުމެވެ.
ފަތުރުވެރިކާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން މިހައި ބޮޑަށް ފުޅާވެގެން ދަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ފަސިންޖަރު ގިމަތަ ހުޅުއްވައިދެއްވުމުން ކަމަށެވެ. މިހާރު އާ ގިމަތައިގެ ބޭނުން ފުރިހަމައަށް ކުރަމުންދާއިރު، ބައިނަލްއަޤްވާމީ އެއާލައިންތައް ވެސް އާ ގިމަތައަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، މި އަހަރު ނިމޭއިރު އަންނަ އިންޓަނޭޝަނަލް ހުރިހައި ފްލައިޓްތަކެއް ވެސް އާ ޓަރމިނަލުން ޚިދުމަތް ދޭ ގޮތަށް މަސައްކަތް ފެއްޓިގެންދާނެ. މިއީ ވަރަށް ބޮޑެތި ކުރިއެރުމެއް ރާއްޖޭގެ ފަތުރުވެރިކަމަށް.
ފަތުރުވެރިކާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް
ފަތުރުވެރިކަމާ ބެހޭ ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބައެއް ސަރަޙައްދުތަކަކީ ފަތުރުވެރިކަން ތަރައްޤީވެފައި ނެތް ސަރަޙައްދުތަކަކަށްވުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އެ ސަރަޙައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އެއީ ހއ.، ހދ.، ށ.، ތ.، ލ.، އަދި ސ. އަތޮޅެވެ. އެހެންކަމުން، މި ސަރަޙައްދުތަކުގައި އިތުރަށް ކޮންސިޝަންސް ދީގެން ފަތުރުވެރިކަމަށް ރަށްތަކެއް ހުޅުވާލާފައިވާކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިދެންނެވި ކޮންސެޝަންސްގައި ގާތްގަނޑަކަށް 42 ރަށެއް މިވަނީ ހުޅުވާލެވިފައި. އޭގެ ތެރޭގައި 6 ރަށެއް ވޭ ޙަލާލް ޓޫރިޒަމަށް. އެއީ މުޅިން އާ ކޮންސެޕްޓެއް. މިދެންނެވި 6 ރަށް ހުޅުވާލެވުނުއިރު މިހާރު މިވަނީ 1 ރަށް އެވޯޑް ކުރެވިފައި. އޭގެ އިތުރަށް އޯޕަން ބިޑިންގއިން 17 ރަށެއް ހުޅުވާލެވިފައި މިވަނީ. އޭގެ ތެރެއިން 2 ރަށް މިހާރު ވަނީ އެވޯޑްކުރެވިފައި. އަދި 1 ރަށް މިހާރު ވަނީ އެ ބޭފުޅުންނާ އެކު ސޮއި ވެސް ކުރެވިފައި. އަދި ކްލޯޒް ބިޑިންގއިން 19 ރަށެއް މިވަނީ ހުޅުވާލެވިފައި. އަދި އޭގެ ތެރެއިން 6 ރަށެއް އެވޯޑްކުރެވި 2 ރަށެއް މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި
ފަތުރުވެރިކާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް
ވަޒީރު ވިދާޅުވީ، ރާއްޖެއަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ބޮޑެތި ލުއިތަކެއް ހޯދައިދެވިފައިވާ ކަމަށެވެ. މިގޮތުން، މި ސަރުކާރުގެ 2 އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 6223 އެނދު ވަނީ އިތުރުކޮށްފައެވެ.
މި ހިނގާ 2025 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރީންނަށް ޚިދުމަތް ދިނުމަށްޓަކައި މުޅިން އަލަށް 122 ތަނެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. މީގެ ތެރޭގައި 2 ރިސޯޓް، 1 ޓޫރިސްޓް ހޮޓާ، 87 ގެސްޓްހައުސް، 20 ހޯމްސްޓޭ ޓޫރިސްޓް ގެސްޓްހައުސް އަދި 12 ޓޫރިސްޓް އުޅަނދު ހިމެނިގެން ވެއެވެ.