ދީން

ފިރިހެނުން އަންހެން ހެދުން އެޅުމާ، އަންހެނުން ފިރިހެން ހެދުން އެޅުމަކީ ރަސޫލާ صلى الله عليه وسلم ލަޢުނަތް ލައްވާފައުވާ ކަމެއް!

ފިރިހެނުން އަންހެން ހެދުން އެޅުމާ، އަންހެނުން ފިރިހެން ހެދުން އެޅުމަކީ ރަސޫލާ صلى الله عليه وسلم ލަޢުނަތް ލައްވާފައުވާ ކަމެއް!

އިސްލާމްދީނުގައި ދެޖިންސަށްވެސް ހެދުން އެޅުމުގެ މިންގަނޑުތަކެއް ވޭ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ނޮވެމްބަރު 2025، 05:10

22 ނޮވެމްބަރު 2025، 05:10

މިހާރުގެ ދުނިޔޭގައި ފެޝަންގެ ދާއިރާއަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ޒުވާނުން އެމީހުންގެ ޝަޚުސިއްޔަތު ދައްކުވައިދެނީ ތަފާތު އެތައް ގޮތަކަށެވެ. އަޅުގަނޑުމެން ލައިއުޅޭ ހެދުމަކީ ހަމައެކަނި ހަށިގަނޑު ނިވާކުރާ އެއްޗެއް ކަމުގައި ނުވެ، އެއީ ޝަޚުސިއްޔަތާއި، އިތުބާރާއި، ދިރިއުޅުމުގެ ވައްޓަފާޅި ރަމްޒުކޮށްދޭ އަސާސީ ވަސީލަތެކެވެ.  ފިރިހެނުން އަންހެނުންގެ ހެދުން އެޅުމާއި، އަންހެނުން ފިރިހެނުންގެ ހެދުން އެޅުމާ ބެހޭ މަޝްވަރާތައް ވަނީ ފުޅާވެ، އެއަށް މުހިންމުކަން ދެވިފައެވެ. މި މައުޟޫޢާ ގުޅޭގޮތުން އިސްލާމްދީނުގައި ޝާމިލު އަދި ސާފު އިރުޝާދުތަކެއް ވެއެވެ. މި އިރުޝާދުތައް ދެނެގަތުމަކީ އެހެން މީހުންނަށް އަވަސް އަރުވާލައިގެން ހުކުމްކުރުމަށްވުރެ ނުވަތަ އެނގުމެއްނެތި ފެޝަން ޓްރެންޑްތަކަށް ތަބާވުމަށްވުރެ، މިކަންކަމާ މެދު ސާފުކޮށް ވިސްނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް އެމީހަކު ބޭނުންވާ ގޮތަކަށް އިސްލާމް ދީން ހުއްދަކުރާ މިންގަނޑުގެ ތެރެއިން ހެދުން އެޅިދާނެއެވެ. ނަމަވެސް ދެ ޖިންސުންވެސް ހެދުން ލާން ޖެހޭނީ އެ ޖިންސެއްގެ ހެދުމެވެ. އަނެއް ޖިންސުގެ ހެދުން ލުމަކީ އެއްވެސް ގޮތަކުން ހުއްދަ ކަމެއް ނޫނެވެ.

ފިރިހެނުން އަންހެން ހެދުންލުމާއި އަންހެނުން ފިރިހެން ހެދުން ލުން ޢާންމު ވެއްޖެއެވެ. މިއީވެސް ފަހު ޒަމާނުގެ އަލާމާތެކެވެ. ހަމައެއާއިއެކު ފިރިހެނުންނަށް މާތް ﷲ ހަރާން ކުރައްވަފައިވާ ސިލްކް ފޭރާން ބޭނުންކުރުން މިވަނީ ޢާންމުވެފައެވެ. އެއީ ވެސް ހަމަ ފަހު ޒަމާނުގެ އަލާމާތެކެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މިހުންނަނީ އެއްވެސް މައްސަލައެއް ނޫނެވެ. އެއީ ގޯސް ވިސްނުމެކެވެ. ރަނގަޅު ވިސްނުމެއް ނޫނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކަނޑައެޅިގެން މަނާކުރައްވަވާފައިވާ އެއްވެސް ކަމެއް އެއީ ހުއްދަ ކަމަކަށް ނުހެދޭނެއެވެ. ރަސޫލާ (ޞޢވ) މަނާ ކުރައްވަވާފައިވާ ކަމެއް ކުރަން ހުއްދަ ދެވޭނެ މީހަކު ނުހުންނާނެއެވެ. އަދި އަމިއްލައަށް ހުއްދަ ކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ.

އިސްލާމްދީނުގައި ހެދުމުގެ އަސާސީ މަޤްޞަދު

އިސްލާމްދީނުގައި ހެދުމުގެ މަޤްޞަދު ފަށަނީ ހަމައެކަނި ފަށަލައެއްގެ ގޮތުގައި ނޫނެވެ. އެއީ ލަދުވެތިކަމާއި، ޖިންސުތަކުގެ ތަފާތުތައް ދެމެހެއްޓުމާއި، އިޙްތިރާމާ ގުޅިފައިވާ އަސާސީ ކަމެކެވެ. ކީރިތި ޤުރުއާނުގައި އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ހެދުމުގެ ބޭނުމަކީ ހަށިގަނޑު ނިވާކުރުމާއި، ކަރާމާތް ދެމެހެއްޓުން ކަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ:

﴿26﴾ يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا ۖ وَلِبَاسُ التَّقْوَىٰ ذَٰلِكَ خَيْرٌ ۚ ذَٰلِكَ مِنْ آيَاتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ
އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުންގެ ޢައުރަތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި ތަޤްވާގެ ފޭރާން މާހެޔޮކަން ބޮޑެވެ. އެކަންތައްތައްވަނީ، ﷲގެ އާޔަތްތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ.

(އަލްއަޢްރާފް: 26)

މި އާޔަތުން އިރުޝާދުދެނީ ހެދުމުގެ އަސްލު އަގަކީ ބްރޭންޑެއް ނުވަތަ ފެޝަނެއް ނޫންކަމާއި، އެއީ ލަދުވެތިކަމާއި، އަމިއްލަ ކަރާމާތް ދެމެހެއްޓުން ކަމެވެ. އިސްލާމްދީން ބާރުއަޅަނީ ރަނގަޅު އަޚްލާޤެއް ދައްކުވައިދޭނެ ގޮތަކަށް އަދި މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެންގެ އަގުތައް ވަރުގަދަވާނެ ގޮތަކަށް ހެދުން އެޅުމަށެވެ.

ޖިންސުތަކުގެ ތަފާތު ދެމެހެއްޓުމުގެ މުހިންމުކަން

އިސްލާމްދީނުގައި ފިރިހެނުންނާއި އަންހެނުންނަކީ ވަކިވަކި ދެ ޖިންސެއްގެ ގޮތުގައި ޚަލްޤުކުރެވިފައިވާ ދެ ބައެވެ. ކޮންމެ ޖިންސަކަށް ވެސް ވަނީ އެ ޖިންސަކަށް ޚާއްޞަ ވަޒީފާތަކާއި، ޒިންމާތަކާއި، އަދި އާދަތަކެއް ކަނޑައަޅުއްވާފައެވެ. އިސްލާމީ ތަޢުލީމުގައި ފިރިހެނުން އަންހެނުންގެ ހެދުން އެޅުމާއި، އަންހެނުން ފިރިހެނުންގެ ހެދުން އެޅުން މަނާކުރެއެވެ. ކީރިތި ރަސޫލާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވަނީ ފިރިހެނުންގެ ސިފަޔާއި ހެދުން ބޭނުންކުރާ އަންހެނުންނަށާއި، އަންހެނުންގެ ސިފަޔާއި ހެދުން ބޭނުންކުރާ ފިރިހެނުންނަށް ލަޢުނަތް ލައްވާފައެވެ. މިކަމުގެ ސީރިއަސްކަން މިއިން ވަރަށް ބޮޑަށް ދައްކައިދެއެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ޖިންސަކަށް ވެސް ދެއްވާފައިވާ ޤުދުރަތީ ތަފާތުތައް ފޮހެލާ ކަމެކެވެ. މި އިރުޝާދުތަކުން އާއިލީ ނިޒާމާއި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، އިޖުތިމާޢީ ދައުރުތަކުގެ އޮނިގަނޑު ރައްކާތެރިކޮށްދެއެވެ. 

ހެދުން އެޅުމުގެ މައިގަނޑު މަޤްޞަދުތައް

އިސްލާމްދީނުގައި ހެދުން އެޅުމުގެ މައިގަނޑު ތިން މަޤުޞަދެއް ވެއެވެ:

ޢައުރަ ނިވާކުރުން: ހެދުމުގެ އެންމެ އަސާސީ ބޭނުމަކީ ޖިންސަށް ޚާއްޞަވެފައިވާ ގޮތަކަށް ޢައުރަ ނިވާކުރުމެވެ.
ތަފާތު ދެމެހެއްޓުން: ކޮންމެ ޖިންސަކަށް ވެސް ޝަރުޢީގޮތުން މަނާނުކުރާ ހެދުން އެޅުމުގެ އިޚްތިޔާރު ލިބިފައިވީ ނަމަވެސް، އެ ހެދުމަކީ އަނެއް ޖިންސުގެ ހެދުންކަމަށް ނުބެލެވޭ އެއްޗަކަށް ވާންޖެހެއެވެ.
އިޖްތިމާޢީ ނުރައްކާތައް ދުރުކުރުން: އެއް ޖިންސުގެ މީހުން އަނެއް ޖިންސުގެ ހެދުން އެޅުމުގެ ސަބަބުން އިޖުތިމާޢީ ގުޅުންތަކުގައި ފަސާދަ އުފެދެއެވެ.

އިސްލާމީ އަޚްލާޤާއި ޒިންމާ

ހެދުމަކީ ވަގުތީ އެއްޗެކެވެ. އުމުރާ އެއްގޮތަށް، ސަގާފަތާ އެއްގޮތަށް، އަދި ޓްރެންޑްތަކާ އެއްގޮތަށް އެ ބަދަލުވަމުންދާނެއެވެ. ނަމަވެސް އީމާންކަމާއި، ލަދުވެތިކަމާއި، ކަރާމާތާއި، އަޚްލާޤަކީ ދިގު މުއްދަތަކަށް ދެމިހުންނާނެ ކަންކަމެވެ. މީހަކަށް ޝަރަފު ލިބެނީ އެމީހާ ލައިގެން ހުންނަ ހެދުމަކުން ނޫނެވެ. އެކަމަކު އެމީހާގެ ހެޔޮކަމާއި، ތަޤުވާވެރިކަމުންނެވެ. 


މި ލިޔުން ކިޔާލުމުން