ސައިންސް / ދުނިޔެ

ބަނޑާއި ގޮހޮރުގެ ބަލިތައް ދެނެގަނެވޭ ކެޕްސޫލަކާއި ހިތުގެ ބަލި ދެނެގަންނަ އެޕެއް އޭއައި ބޭނުންކޮށްގެން ތަރައްޤީކޮށްފި!

ބަނޑާއި ގޮހޮރުގެ ބަލިތައް ދެނެގަނެވޭ ކެޕްސޫލަކާއި ހިތުގެ ބަލި ދެނެގަންނަ އެޕެއް އޭއައި ބޭނުންކޮށްގެން ތަރައްޤީކޮށްފި!

ބަނޑުގެ ބަލިތައް ދެނެގަނެވޭ ކެޕްސޫލެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ނޮވެމްބަރު 2025، 05:23

22 ނޮވެމްބަރު 2025، 05:23

ސިއްޙީ ދާއިރާއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި މިހާރު ވަނީ ގިނަގުނަ ކުރިއެރުންތަކެއް އައިސްފައެވެ. އެގޮތުން، ބަނޑާއި ގޮހޮރުގެ ބަލިތަކަށް ފަރުވާ ހޯދުމުގައި ކުރިމަތިވާ އުނދަގޫތައް ނައްތާލައި، އެންމެ ކެޕްސޫލަކުން ފަސޭހަކަމާއެކު މި ބަލިތައް ދެނެގަންނަން ޗައިނާއިން ވަނީ އޭއައި ބޭނުންކޮށްގެން އާ ކެޕްސޫލެއް ތަރައްޤީކޮށްފައެވެ.

މި އައު ކެޕްސޫލަކީ ޗައިނާގައި ތަރައްޤީކޮށްފައިވާ އޭއައި ޓެކްނޮލޮޖީއަށް ބުރަވެގެން މަސައްކަތްކުރާ ކެޕްސޫލެކެވެ. ބަނޑާއި ގޮހޮރުގެ ބަލިތައް ދެނެގަތުމަށް މި ކެޕްސޫލަށް ނަގަނީ އެންމެ 8 މިނިޓެވެ. މީގެ އަގު ކަނޑައަޅާފައިވަނީ 280 ޑޮލަރަށެވެ. މި ކެޕްސޫލް ވަނީ މިހާރުވެސް އެތައް ހާސް ބަލިމީހުންގެ މައްޗަށް ކާމިޔާބުކަމާއެކު ތަޖުރިބާކޮށް، ވަރަށް ރަނގަޅު ނަތީޖާއެއް ދައްކާފައެވެ.

މިފަދަ އިތުރު ކުރިއެރުމެއްގެ ގޮތުން، އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ޑާލަސްއަށް ނިސްބަތްވާ 14 އަހަރުގެ ސިއްދާރްތު ނަންދިޔާލާ ވަނީ އޭއައި ބޭނުންކޮށްގެން ހިތުގެ ބަލިތައް ދެނެގަތުމަށް ފޯނު އެޕެއް ތަރައްޤީކޮށްފައެވެ. މި އެޕް ކިޔަނީ 'ސިރކޭޑިއަން އޭއައި' އެވެ. މި އެޕްގެ ޚާއްސަ ކަމަކީ ހިތުގެ އަޑު އެނެލައިޒްކޮށް، އެންމެ 7 ސިކުންތު ތެރޭގައި ހިތުގެ ބަލިތަކާ ބެހޭ މައުލޫމާތު ދިނުމެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސިއްދާރްތު އަކީ ދުނިޔޭގެ އެންމެ ޒުވާން އޭއައި ޕްރޮފެޝަނަލް ކަމަށާއި، އޭނާ ވަނީ އޮރަކަލް އަދި އޭއާރްއެމް ފަދަ ކުންފުނިތަކުން ސެޓިފިކޭޓު ހާސިލްކޮށްފައެވެ. އޭނާގެ އެޕް ސިރކޭޑިއަން އޭއައި އަކީ ފޯނު ބޭނުންކޮށްގެން ހިތުގެ އަޑުތައް ތަހުލީލުކޮށް، ވަގުތުން ބަލި ދެނެގަންނަ އެޕެކެވެ. މިއީ އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކުރެވޭނެ އެޕެއް ކަމަށް އޭނާ ބުނެއެވެ. މި އެޕް ވަނީ އެމެރިކާގެ 15,000 އަށްވުރެ ގިނަ ބަލިމީހުންގެ މައްޗަށާއި އިންޑިއާގެ 700 ބަލިމީހުންގެ މައްޗަށް ތަޖުރިބާކޮށް، 96 އިންސައްތައިގެ ސައްޙަކަމެއް ދައްކާފައެވެ.

އަންދުރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އެން. ޗަންދުރަބާބޫ ނާއިޑޫ، ހައިދަރާބާދުގައި ސިއްދާރްތުއާ ބައްދަލުކުރައްވައި ވިދާޅުވީ، ސިއްދާރްތުގެ ޚާއްސަ ޤާބިލިއްޔަތުތަކާއި އިންސާނިއްޔަތަށް ފައިދާކުރުމަށް ޓެކްނޮލޮޖީ ބޭނުންކުރުމަށް އޭނާ ދޭ ސަމާލުކަމުން ވަރަށް ބޮޑަށް ހައިރާންވެފައިވާ ކަމަށެވެ. އަދި މިފަދަ ޒުވާން އުމުރުގައި އޭނާ ހާސިލްކުރި މި ކާމިޔާބީ ވަރަށް މަތިވެރި ކަމަށާއި، ސިއްޙީ ޓެކްނޮލޮޖީ ދާއިރާގައި ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް ޗީފް މިނިސްޓަރު ވިދާޅުވިއެވެ.

ބައްދަލުވުމުގައި ސިއްދާރްތު ބުނީ، އޭނާގެ ލަނޑުދަނޑިއަކީ ފަސޭހަކަމާއެކު ބަލި ދެނެގަތުމުގެ ޚިދުމަތް ނުލިބޭ މުޖުތަމަޢުތަކަށް މި އާލާތް ގެނެސްދިނުން ކަމަށެވެ. އެގޮތުން، އަވަހަށް ބަލި ދެނެގަތުމަކީ އެފަދަ ތަންތަނުގައި ފުރާނަތައް ސަލާމަތްކުރެވޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން