ދުނިޔެ
އިންޑިއާގެ ޓެޖަސް ފައިޓަރ ޖެޓް ވެއްޓުނު މައްސަލަ އެމެރިކާގެ ބޮލުގައި އަޅުވައިފި!
ވެއްޓުނު ފައިޓަރ ޖެޓް
ދުބާއީ އެއަރޝޯގައި އިންޑިއާގެ ޓެޖަސް ފައިޓަރު ޖެޓެއް ވެއްޓި، އެ ޖެޓް ދުއްވަން އިން ޕައިލެޓް މަރުވުމާ ގުޅިގެން އިންޑިއާގެ މީޑިއާއިން އެކަމުގެ ކުށް އެމެރިކާގެ ބޮލުގައި އަޅުވައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ވައިގެ ތެރޭގައި އެކްރޮބެޓިކް ޑިސްޕްލޭއެއް ދައްކަމުން ދަނިކޮށެވެ.
އިންޑިއާގެ ރިޓަޔާޑް މޭޖަރ ޖެނެރަލް ޖީ.ޑީ. ބަކްޝީ އާއި ނޫސްވެރިޔާ އަރުނަބް ގޯސްވާމީ ވަނީ، ޓެޖަސް ޖެޓް ބޭނުންކުރާ ޖީ.އީ. 404 އިންޖީނު އެމެރިކާއިން ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ދަތިތަކާއި ލަސްވުންތައް ފާހަގަކުރައްވާފައެވެ. އެ ބޭފުޅުން ބުނުއްވާ ގޮތުގައި، މި ލަސްވުންތަކުގެ ސަބަބުން އިންޑިއާގެ ދިފާއީ ގާބިލުކަމަށް ހީނަރުކަމެއް އައިސްފައިވެއެވެ.
އަރުނަބް ގޯސްވާމީ ބުނުއްވީ، އެމެރިކާއިން ގަސްތުގައި ޓެޖަސް ޕްރޮގްރާމަށް އިންޖީނު ފޯރުކޮށްދިނުން ލަސްކުރަނީ ކަމަށެވެ. އެމެރިކާއިން އިންޑިއާގެ ލައިޓް ކޮމްބަޓް އެއަރކްރާފްޓް (އެލް.ސީ.އޭ) އާއި ޓެޖަސް ޕްރޮގްރާމަކީ އެމެރިކާއަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ ގޮތުގައި ދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޓެޖަސް ފައިޓަރ ޖެޓް ބޭނުންކުރަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޖެނެރަލް އިލެކްޓްރިކް އިން އުފައްދާ އިންޖީނުތަކެވެ.
މޭޖަރ ޖެނެރަލް ބަކްޝީ ވިދާޅުވީ، ޖީ.އީ. 404 އިންޖީނުތައް އިންޑިއާއަށް ދެ އަހަރު ކުރިން ލިބެންވާނެ ކަމަށެވެ. އިންޑިއާއިން މިހާރުވެސް އެކަމަށް 1 ބިލިއަން ޑޮލަރު ދައްކާފައިވާއިރު ލިބިފައިވަނީ އެންމެ ދެ އިންޖީނު ކަމަށް އޭނާ ހާމަކުރެއްވިއެވެ. ދިފާއީ ސާމާނު ލިބުން ލަސްވުމަކީ ސަރަހައްދީ ނުރައްކާތަކަށް ހުށަހެޅިގެންދާނެ ކަމެއް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
މި ހާދިސާ ހިނގުމާއެކު، ސަލާމަތީ އަދި އަލިފާން ނިއްވުމުގެ ޓީމުތައް ހާދިސާ ހިނގި ސަރަހައްދަށް ވަގުތުން ފޮނުވާ، ކުއްލި އޮޕަރޭޝަންތައް ވަނީ ހިންގާފައެވެ. ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދު ރައްކާތެރިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަވަސްކޮށްފައެވެ.
މީގެ ކުރިން ދުބާއީ އެއަރޝޯގައި ޓެޖަސް ޖެޓް ދެއްކި އެހެން ޑިސްޕްލޭއެއްގައި ޖެޓުން ދިޔާއެއްޗެއް ބޭރުވަނިކޮށް ދައްކުވައިދޭ ވީޑިއޯތަކެއް ފާއިތުވި ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ގަބޫލުކުރީ ޖެޓަށް ފަންނީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. ހުކުރު ދުވަހު ހިނގި ހިތާމަވެރި ހާދިސާއަށް ފަހު، މި ވީޑިއޯތަކަށް އަލުން ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ނަމަވެސް، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ދައުވާތައް ދޮގުކޮށްފައެވެ. އިންޑިއާގެ ޕްރެސް އިންފޮމޭޝަން ބިއުރޯ (ޕީ.އައި.ބީ) އިން ބުނީ، ވީޑިއޯގައި ފެންނަ ފެނަކީ އާންމުކޮށް އައިސް ވިރިގެން އުފެދޭ ފެން (ކޮންޑެންސޭޝަން) ފްލައިޓަށް އެރުމުގެ ކުރިން ބޭރުކުރާ ތަނުން ބޭރުވި ފެންކަމަށާއި، ޖެޓަށް ދިމާވި މައްސަލައަކާ ގުޅުމެއް ނެތް ކަމަށެވެ. ޕީ.އައި.ބީ އިން ވަނީ މި ވީޑިއޯތަކަކީ ޖެޓުގެ އިތުބާރުކަމާ މެދު ސުވާލު އުފެއްދުމަށް ހަދާފައިވާ "ފޭކް ވާހަކައެއް" ކަމަށް ސިފަކޮށްފައެވެ.