ކުޅިވަރު
ނިއު ރޭޑިއަންޓް ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު އޮޑި ސްޕޯޓްސްއިން ނިމުމަކަށް ގެނަސްފި
ނިއު ރޭޑިއަންޓް ކޮޅަށް ގޯލު ޖެހުމަށްފަހު އިބްރާޙިމް ވަޙީދު އުފާފާޅުކުރަނީ / ފޮޓޯ: އަދަދު ސްޕޯޓްސް
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، ލީގުގައި އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑަށް ނިމުން ގެނަސްފިއެވެ.
ހޮނިހިރު ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު އޮޑި ސްޕޯޓްސްއިން ކާމިޔާބުކުރީ 1-0އިންނެވެ. މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ބަލިނުވެ އޮތީ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެކަންޏެވެ. އެ ޓީމުން ވަނީ މިހާތަނަށް އެއްވެސް ޕޮއިންޓެއް ގެއްލުވާނުލައި 24 ޕޮއިންޓު ހޯދާފައެވެ.
ނިއު ބަލިކޮށް އޮޑި ސްޕޯޓްސްއިން ވަނީ 8 މެޗުން 19 ޕޮއިންޓު ހޯދާފައެވެ. އަދި އެ ޓީމާއި މާޒިޔާއާ ދެމެދު އޮތީ 5 ޕޮއިންޓުގެ ފަރަގެކެވެ.
ނިއު 8 މެޗު ކުޅުނުއިރު އެ ޓީމަށް މިހާރު މިވަނީ 7 ޕޮއިންޓު ގެއްލިފައެވެ. އެއީ ކުރިން 2 މެޗުން އެއްވަރުވެފައިވުމާއެކުއެވެ. އެ ޓީމު އެއްވަރުވީ ކްލަބް އީގަލްސް އަދި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
މި މެޗަށް ނިކުތްއިރު ޕާކިސްތާނަށް ނިސްބަތްވާ ނިއުގެ ގޯލްކީޕަރު، ހަނީފް ސާގިބަށް އަނިޔާވުމާ ގުޅިގެން އެ ޓީމުގެ ގޯލު ބެލެހެއްޓީ ސްރީ ލަންކާގެ ކީޕަރު، ކަވީޝް ލަކްޕްރިއާ ފެނާންޑޯއެވެ.
މެޗުގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. އޮޑި ސްޕޯޓްސް ކަލްބުގެ ތާރީޙީ މި ގޯލު މެޗުގެ 66ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އިބްރާޙިމް ވަޙީދު ޙަސަން (އިއްބެ)އެވެ.
މި ގޯލަށް ފަހު ނިއުއިން ވަނީ ގޯލެއް ޖެހުމެއް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ނިއުގެ ހަމަލާތައް ދިފާއު ކުރުމަށް އޮޑި ސްޕޯޓްސްގެ ޑިފެންޑަރުންނާއި ގޯލްކީޕަރު، މުޙައްމަދު ޝަފީއު (ޗެކް) ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ލީގުގައި ނިއުއަށް ދެން އޮތީ އެންމެ އުނދަގޫ އިމްތިހާނެވެ. އެއީ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެއީ ލީގުގެ ފުރަތަމަ ބުރުގައި އެ ދެ ޓީމުން ވެސް ކުޅޭނެ ފަހު މެޗެވެ.
ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ކްލަބް ވެލެންސިއާއެވެ.