ދުނިޔެ

އޮސްޓްރޭލިއާގެ ބޮޑުވަޒީރު 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ނިންމައިފި

އޮސްޓްރޭލިއާގެ ބޮޑުވަޒީރު 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ނިންމައިފި

ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ނޮވެމްބަރު 2024، 12:20

07 ނޮވެމްބަރު 2024، 12:20

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޯނީ އަލްބަނީސް ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ޤާނޫނެއް ތަޢާރަފުކުރަން ނިންމާފައެވެ. މިއީ ދުނިޔޭގައި މިފަދަ ފުރަތަމަ ޤާނޫނު ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނެއެވެ.

އޮސްޓްރޭލިއާގެ މުވާސަލާތީ ވަޒީރު މިޝެލް ރޯލެންޑް ވިދާޅުވި ގޮތުގައި މި ޤާނޫނުގެ ދަށުން މަނާކުރެވޭ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި މެޓާގެ އިންސްޓަގްރާމާއި ފޭސްބުކް، ބައިޓްޑާންސްގެ ޓިކްޓޮކް އަދި އެލޮން މަސްކްގެ އެކްސް (ކުރީގެ ޓްވިޓަރ) ހިމެނެއެވެ. މީގެ އިތުރުން އަލްފަބެޓްގެ ޔޫޓިއުބްވެސް މި ޤާނޫނުގެ ދަށަށް ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސޯޝަލް މީޑިއާއިން އަޅުގަނޑުމެންގެ ދަރިންނަށް ގެއްލުން ވަމުންދަނީ. އަޅުގަނޑު މިހާރު މިކަމަށް ހައްދެއް ކަނޑައަޅަނީ،" ބޮޑުވަޒީރު އަލްބަނީސް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

މި ޤާނޫނު މިއަހަރު ތެރޭގައި ޕާލަމެންޓަށް ހުށަހެޅޭނެ ކަމަށާއި، ޤާނޫނު ފާސްވުމަށްފަހު 12 މަސް ދުވަހުގެ ތެރޭގައި ޢަމަލުކުރަން ފެށޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި މައިންބަފައިންގެ ހުއްދަ ލިބިގެން ވިޔަސް 16 އަހަރުން ދަށުގެ ކުދިންނަށް އިސްތިސްނާއެއް ނުދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޤާނޫނު ތަންފީޒުކުރުމުން ކުޑަކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް އޮސްޓްރޭލިއާ ސަރުކާރުން އުންމީދުކުރެއެވެ.
                    

މި ލިޔުން ކިޔާލުމުން