ކުޅިވަރު

ފޮރެސްޓުން އެންފީލްޑްގައި ލިވަޕޫލް ބަލިކޮށް ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލައިފި

ފޮރެސްޓުން އެންފީލްޑްގައި ލިވަޕޫލް ބަލިކޮށް ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލައިފި

ނޮޓިންހަމް ފޮރެސްޓުގެ ފުރަތަމަ ގޯލު ކާމިޔާބުކުރުމަށްފަހު މުރީލޯ އުފާފާޅުކުރަނީ / ފޮޓޯ: ޕްރިމިއަރ ލީގު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ނޮވެމްބަރު 2025، 07:51

23 ނޮވެމްބަރު 2025، 07:51

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ނޮޓިންހަމް ފޮރެސްޓުން ޗެމްޕިއަން ލިވަޕޫލް އެންފީލްޑްގައި 3-0އިން ބަލިކޮށް، ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލައިފިއެވެ. މިއީ ލިވަޕޫލުން ލީގުގައި އެންމެ ފަހުން ކުޅުނު 7 މެޗުގެ ތެރެއިން އެ ޓީމު ބަލިވި 6ވަނަ މެޗެވެ.

ފޯމު ގެއްލިފައިވާ ލިވަޕޫލްގެ ކޮޅަށް ފުރަތަމަ ހާފުގައި ފޮރެސްޓުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ފޮރެސްޓަށް ލިބުނު ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރު މުރީލޯއެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އެ ޓީމުގެ އިގޯރ ޖީސުސް ކާމިޔާބުކުރި ގޯލު ނުގުނުމަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ ނިންމިއެވެ. އެއީ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން އޭނާގެ އަތުގައި ޖެހިފައިވުމުންނެވެ.

ނަމަވެސް ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ފޮރެސްޓުގެ ދެ ފުލްބެކުން ގުޅިގެން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އެ ޓީމުގެ ވާތްފަރާތުން ކުޅޭ ފުލްބެކް، ނިކޯ ވިލިއަމްސް ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ހޯދުމަށްފަހު ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން، ކަނާތްފަރާތުން ކުޅޭ ނިކޮލޯ ސެވޯނާ ކާމިޔާބުކުރި ގޯލެކެވެ. 

އޭގެ ފަހުން ލިވަޕޫލްގެ މުޙައްމަދު ސަލާޙްއަށް ލިބުނު ރަނގަޅު ތިން ފުރުސަތެއް ބޭނުން ނުހިފުނުއިރު، ފޮރެސްޓުގެ އޮމާރީ ހަޗިންސަންގެ ހުނަރުވެރިކަމުން ތަނަވަސްކުރި ފުރުސަތެއްގައި، މޯގަން ގިބްސް-ވައިޓް ވަނީ މެޗުގެ 78ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށް، މެޗުން ތިން ޕޮއިންޓު ޔަޤީންކޮށްފައެވެ.

މި ނަތީޖާއާއެކު ފޮރެސްޓު ވަނީ ލީގުގެ 16ވަނައަށް އަރާފައެވެ. އަދި ލިވަޕޫލް ލީގުގެ 11ވަނައަށް ވެއްޓުނުއިރު، މި ގޭމްވީކް ނިމޭއިރު ލިވަޕޫލްއާ އެއްވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ފަރަގު 11 ޕޮއިންޓަށް އިތުރު ވާނެކަމަށް ބެލެވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާރނޭ ސްލޮޓު ބުނީ، ނަތީޖާގެ ޒިންމާ އޭނާ ނަގާ ކަމަށާއި، މެޗުގެ ފުރަތަމަ ކޮޅު ލިވަޕޫލުން ރަނގަޅަށް ކުޅުނު ނަމަވެސް، ފަހުން ކުޅުން ދަށްވުމުން ނަތީޖާ ނެރުމަށް އުނދަގޫވިކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން