Ads by Stelco

ޚަބަރު

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތް: ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތް: ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް

ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ނޮވެމްބަރު 2025، 12:10

23 ނޮވެމްބަރު 2025، 12:10

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތްކަމަށާއި ސިޔާސީ ހަމަޖެހުން ޤާއިމުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވީ، މި ސަރުކާރަށް 2 އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމް ނިއުސްގެ "ހަފްތާ 104" ޕްރޮގްރާމަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

އަބްދުއްރަޙީމް ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް އެއްވެސް ސަރުކާރަކުން ސިޔާސީ ހަމަޖެހުން ޤާއިމުނުކުރެވޭ ވަރަށް މި 2 އަހަރު ތެރޭގައި ސިޔާސީ ހަމަޖެހުން ޤާއިމުވެފައިވާ ކަމަށެވެ. ހަމަ އެހެންމެ، މިހާތަނަށް ރާއްޖޭގައި އުފެދުނު ސަރުކާރުތަކާއި އަދުގެ ސަރުކާރު ވަރަށް ތަފާތުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމުގެ އިތުރުން މިވީ 2 އަހަރުގެ ތެރޭގައި ސިޔާސީ ގޮތުން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތް. ސިޔާސީ ކޮންމެ ޕާޓީއަކަށްވެސް އެ ޕާޓީއަކުން ކުރަން ބޭނުންވާ ސިޔާސީ މަސައްކަތް ކުރުމުގެ މާޙައުލު މިއަދު އެބައޮތް ރާއްޖޭގައި ޤާއިމުވެފައި. އެބައެއްގެ ސަޕޯޓް އޮންނަ މިންވަރަކުން އެބަޔަކަށް ހަރަކާތް ހިންގޭނީ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިިތުރުން، ޤައުމުގައި ހަމަޖެހުން ޤާއިމުކުރެވޭނީ، އަދުލު އިންސާފު ޤާއިމުކުރެވިގެން ކަމަށްވާއިރު، ޝަރުޢީ ދާއިރާ މިނިވަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުން އެކަން ޙާސިލް ކުރެވޭނެކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ. ހަމަ އެހެންމެ، އިންސާފު ނެތްތަނެއްގައި ހަމަޖެހުން ގެއްލި، ތަރައްޤީއެއް ވެސް ނުގެނެވޭނެ ކަމަށާއި، ޝަރުޢީ ދާއިރާ މިނިވަންކުރަން ބޭނުންވާވަރު ބަޖެޓަށް ބަލާލިޔަސް ފެންނާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ޤައުމެއްގެ ތަރައްޤީގެ މަގުގައި ހަމަޖެހުން އޮވެގެން ޞުލްޙަވެރިކަމާއެކު ކުރިއަރައިގެން ދިއުމުގައި އެންމެ ބޮޑަށް ބޭނުންވަނީ، މިނިވަން މުސްތަޤިއްލު ޝަރުޢީ ނިޒާމެއް ޤާއިމުވެފައި އޮތުން. އެކަން ރައީސް ކުރައްވަނީ.

މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުން އެދޭގޮތަށް ޤައުމުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ ކަންކަމަށް މަޖިލީހުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން