ޚަބަރު
މުހިންމު މަޝްވަރާތަކަކަށް ފަހު ޚާރިޖީ ވަޒީރު ބެލްޖިއަމް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ޚާރިޖީ ވަޒީރު/ފޮޓޯ: ސަން އޮންލައިން
މުހިންމު މަޝްވަރާތަކަކަށް ފަހު ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބެލްޖިއަމް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
މި ދަތުރުފުޅަކީ، މިމަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސް ގައި ކުރިއަށްދިޔަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ، އެކުވެރި ބައެއް ޤައުމުތަމުގެ އިސްވެރިންނާ އެކު ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ތަފާތު އެކި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. ހަމަ އެއާއެކު، ބޭރުގެ އެހެނިހެން ޤައުމުތަކާއެކު ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ވަޒީރު ވަނީ، މި ފޯރަމްގެ ޙަވާސާގެ ތެރޭގައި ބޭއްވިފައިވާ އެކި ހައި-ލެވަލް އިވެންޓުތަކުގައި ވެސް ދިވެހިރާއްޖެ ތަމްސީލުކުރައްވާފަ އެވެ. ހަމަ އެހެންމެ، ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ޒިޔާރަތްކުރައްވައި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ސަރުކާރުން ފޯރުކޮށްދޭ ޙިދުމަތްތަށް އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ގެ އަރިހުގައި ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޤީލާ ޢަލީ އާއި، ސެކްރެޓަރީ މަލްޓިލެޓަރަލް އަޙްމަދު ޝިއާން އަދި ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ނަޝާ އިސްމާޢިލް ބައިވެރިވެވަޑައިގަތެވެ.