Ads by Stelco

ޚަބަރު

ސަރުކާރުން ފެށި ޤައުމީ އޮޕަރޭޝަން "އަލިމަގު" ގެ ދަށުން 23 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހޯދައިފި

ސަރުކާރުން ފެށި ޤައުމީ އޮޕަރޭޝަން "އަލިމަގު" ގެ ދަށުން 23 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހޯދައިފި

އޮޕަރޭޝެންގެ ތެރެއިން ހޯދުނު ފައިސާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ނޮވެމްބަރު 2025، 12:15

23 ނޮވެމްބަރު 2025، 12:15

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ފެށި ޤައުމީ އޮޕަރޭޝަން "އަލިމަގު" ގެ ދަށުން ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހޯދާފައިވާކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާނު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ސަރުކާރަށް 2 އަހަރު ފުރުމާ ގުޅިގެން ސަންގު ޓީވީ އިން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ މި އޮޕަރޭޝަނަކީ، މި ސަރުކާރުން ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގަން ފެށި އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން، އޮޕަރޭޝަން ނިމުނުއިރު ޖުމްލަ 110 މީހުން ހައްޔަރުކުރެވިފައިވާ ކަމަށާއި، މަސްތުވާތަކެތި ވިއްކުމަށް އެމީހުން ބޭނުންކުރި އާލާތްތަކާއި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި އަދި ފައިސާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ތެރޭގައި ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ މަގުމަތީ އަގުގެ ޕްރޮޑަކްޓްތައް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަނަކީ 6 މަސް ދުވަހުގެ ދިގު އިންޓެލިޖެންސް މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކުރެވުނު މަސައްކަތެއް ކަމަށާއި، ދެން އޮތީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް މި ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ ބޮޑެތި ވިޔަފާރިވެރިންނާ ހަމައަށް ދިޔުން ކަމަށެވެ. ހަމަ އެހެންމެ، އެފަދަ މީހުން ރައްޔިތުންނަށް ދީފައި ހުރި ބޮޑެތި ގެއްލުންތަކަށް ޤާނޫނު މެދުވެރިކޮށް ބަދަލުދޭނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދެން މިކަމަކަށް ރާއްޖޭގައި ފުރުޞަތެއް ނުލިބޭނެ. އަޅުގަނޑުމެން ހިފާ ހައްޔަރުކުރާނަން އެމީހުން. އެ ހިސާބަށް ދާންވެސް ދާނަން. ފުލުހުންގެ ހުރިހާ މަސައްކަތެއް މިހާރު ޑްރަގްސްގެ ދާއިރާގައި މިއޮތީ މި މީހުންނާ ހިސާބަށް ވާސިލުވުމަށް.

ވަޒީރު އިޙުސާން ވިދާޅުވިއެވެ.

އޮޕަރޭޝަން އަލިމަގަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ޙަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމަޢުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ. 

މަސްތުވާތަކެތީގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން