ދުނިޔެ

ޖީ20 ގެ ދެކުނު އެފްރިކާ ސަމިޓްގައި އެމެރިކާގެ ބައިވެރިވުމުކާނުލާ ނިންމުންތަކެއް ފާސްކޮށްފި

ޖީ20 ގެ ދެކުނު އެފްރިކާ ސަމިޓްގައި އެމެރިކާގެ ބައިވެރިވުމުކާނުލާ ނިންމުންތަކެއް ފާސްކޮށްފި

ޖީ20ގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިސްވެރިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ނޮވެމްބަރު 2025، 12:17

23 ނޮވެމްބަރު 2025، 12:17

ދެކުނު އެފްރިކާގައި ބޭއްވި ޖީ20 ގްރޫޕްގެ ޤައުމުތަކުގެ ލީޑަރުންގެ ސަމިޓްގައި، މޫސުމީ ބަދަލުތަކާއި އިޤްތިޞާދީ އަދި ޖިއޮޕޮލިޓިކަލް ގޮންޖެހުންތަކާ ގުޅޭ ގޮތުން ނިންމުންތަކެއް ހިމެނޭ ފައިނަލް އިޢުލާނެއް ފާސްކޮށްފިއެވެ.

 މި އިޢުލާން ފާސްކުރެވުނީ، އެމެރިކާއިން މި ލިޔުން އެކުލަވާލުމުގައި ބައިވެރިވުމަށް ދެކޮޅު ހަދައި، ބޮއިކޮޓް ކޮށްފައިވަނިކޮށެވެ. ވައިޓް ހައުސްގެ އޮފިޝަލަކު މިކަން ސިފަކުރެއްވީ "ލަދުވެތި" ކަމެއްގެ ގޮތުގައެވެ.

ސައުތު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާގެ ތަރުޖަމާނު ވިދާޅުވީ، މި އިޢުލާނަކީ "ދެވަނަ ފަހަރަށް މަޝްވަރާކުރެވޭނެ" އެއްޗެއް ނޫން ކަމަށާއި، މި ލިޔުން އެކުލަވާލުމަށް އެ ޤައުމުން އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ، މި ލިޔުން ފާސްކުރުމަށް މެންބަރު ޤައުމުތަކުގެ މެދުގައި "ބޮޑު އެއްބަސްވުމެއް" ލިބިފައިވާ ކަމަށާއި، މިއީ އެފްރިކާގެ ރިޔާސަތެއްގެ ދަށުން ނެރެވޭ ފުރަތަމަ އިޢުލާން ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އިޢުލާނުގެ ދެލިކޮޕީ އިއްޔެ ހުކުރު ދުވަހު ނިންމާލެވުނީ އެމެރިކާގެ ބައިވެރިވުމަކާ ނުލައެވެ. އެމެރިކާއިން ވަނީ މޫސުމީ ބަދަލުތަކާ ގުޅޭ ބައިތަކަށާއި، އާ އުފެއްދުންތެރިކަން އިތުރުކުރުމާއި، ފަޤީރު ޤައުމުތަކުގެ ދަރަނި ލުއިކޮށްދިނުމާ ގުޅޭ މާއްދާތަކަށް އިޢުތިރާޟުކޮށްފައެވެ.

މި އިޢުލާނުގައި މޫސުމީ މައްސަލަތައް ހިމެނުމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަޤާމަށް ސަމާލުކަން ނުދިނުން ކަމަށް ބެލެވެއެވެ. ޓްރަމްޕް ވަނީ ދުނިޔެ ހޫނުވުމަކީ އިންސާނީ ޙަރަކާތްތަކުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ސައިންސްވެރިންގެ މެދުގައި އޮތް ބޮޑު އެއްބަސްވުމާމެދު ޝައްކު އުފައްދާފައެވެ.

 އަދި، އާޖެންޓީނާއިން ވެސް ވަނީ އެންމެ ފަހު ވަގުތު މަޝްވަރާތަކުން ވަކިވެފައެވެ. އެ ޤައުމުން ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭ ގޮތުން ލިޔުމުގައި ހިމެނިފައިވާ އިޝާރާތްތަކަށް ދެކޮޅުހެދައިފައެވެ. 

އެ އިޝާރާތްތަކުގައި ބުނެފައިވަނީ "ފަލަސްޠީނުގެ ހިފާފައިވާ ބިމުގައި ޢަދުލުވެރި، ޝާމިލު އަދި ދެމިހުންނަނިވި ސުލްޙައަކަށް" ގޮވާލާ ކަމަށެވެ.

މި ސަމިޓް ބޭއްވުނީ "އެއްބައިވަންތަކަން، ހަމަހަމަކަން އަދި ދެމެހެއްޓެނިވިކަން" މި ޝިޢާރުގެ ދަށުންނެވެ. 

އަދި، މި ފަހަރުގެ ސަމިޓްގައި ފުރަތަމަ ފަހަރަށް އެފްރިކާގެ ޔޫނިއަން ޖީ20 ގެ ދާއިމީ މެންބަރެއްގެ ގޮތުގައި ބައިވެރިވިއެވެ. މިއީ ދުނިޔޭގެ ވެރިކަން ހިންގުމުގައި އެފްރިކާ ބައްރުގެ ދައުރު އިތުރުކުރުމުގެ ގޮތުގައި ބެލެވޭ ކަމެކެވެ. މި ބައްދަލުވުން ބޭއްވުނީ ރަޝިޔާއިން ޔޫކްރެއިންގައި ހިންގާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާރުތަކުގެ މެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި، ބްރެޒިލްގައި ބޭއްވޭ މޫސުމީ ބަދަލުތަކާ ގުޅޭ އ.ދ. ގެ ކޮންފަރެންސް (ކޮޕް30) ގެ މަޝްވަރާތަކާ ވެސް ދިމާވެގެންނެވެ.

ޖީ20 ގެ މެންބަރު ޤައުމުތަކުގެ ލީޑަރުން މިއަދު ހޮނިހިރު ދުވަހު އިންޒާރު ދެއްވީ، އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމުގައި މި ގްރޫޕްގެ ދައުރަށް ބޮޑެތި ޖިއޮޕޮލިޓިކަލް ބައިބައިވުންތަކާއި، ބައިނަލްއަޤްވާމީ ވާދަވެރިކަން އިތުރުވުމުގެ ސަބަބުން ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ. 

އެފްރިކާ ބައްރުގައި ބޭއްވުނު މި ފުރަތަމަ ސަމިޓްގައި ބައިވެރިވި ޔޫރަޕިއަން ލީޑަރުން މަސައްކަތް ކުރެއްވީ، ޔޫކްރެއިން ހަނގުރާމަ ނިންމާލުމަށް ރައީސް ޓްރަމްޕް ހުށަހެޅުއްވި ރޭވުމަށް އެއްބަސްވުމެއް ހޯދުމަށެވެ. އެމެރިކާއިން ވަނީ މޫސުމީ ކާރިޘާތަކާ ކުރިމަތިލުމުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމާއި، ދަރަނި ލުއިކޮށްދިނުމަށް ސަމިޓްގެ އެޖެންޑާއަށް ދެކޮޅު ހަދާފައެވެ. 

ނަމަވެސް، ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، "ޖީ20 އަކީ އެމެރިކާއާ ގުޅުން ހުރި ކަމެއް ނޫން، އެއީ ދުނިޔެއަށްޓަކައި އެއް މަގެއް ހޯދުން" ކަމަށެވެ.

މި ގްރޫޕްގެ އިސްކަންދޭ ކަންތައްތަކާއި ދުނިޔޭގެ މައްސަލަތައް ޙައްލުކުރުމުގައި އެ ގްރޫޕްގެ ދައުރާ ގުޅޭ ގޮތުން ހިޔާލު ތަފާތުވުންތައް ދެމި އޮތްއިރު، ދެން އޮންނަ ސަމިޓް 2026 ވަނަ އަހަރު ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ އެމެރިކާގައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން