ސައިންސް
ސައިންސްވެރިން ދުނިޔެއަށް ވުރެ 60 ގުނަ ބަރު ޕްލެނެޓެއް ހޯދައިފި
އައު ޕްލެނެޓެއް ހޯދުން ފޮޓޯ:އިންޓަނެޓް
އިންޑިއާގެ ފިޒިކަލް ރިސާރޗް ލެބޯރެޓަރީ (ޕީއާރްއެލް) އިން ތަހުލީލް ކުރާ ބައިނަލްއަޤްވާމީ ސައިންޓިސްޓުންގެ ޓީމަކުން އަލަށް ދެނެގަނެފައިވާ ޕްލެނެޓަކީ ބިމަށްވުރެ ފަސް ގުނަ ބޮޑު އަދި 60 ގުނަ ބަރު ޕްލެނެޓެކެވެ. މި ޕްލެނެޓް ހޯދާފައިވަނީ އިންޑިއާގެ ރާޖަސްތާންގައި ހުންނަ މައުންޓް އަބޫގައި ޕީއާރްއެލްގެ 2.5 މީޓަރުގެ ޓެލެސްކޯޕެއްގައި ހަރުކޮށްފައިވާ ޕާރަސް-2 ނަމަކަށް ކިޔާ ސްޕެކްޓްރޯސްކޯޕް ބޭނުންކޮށްގެންނެވެ.
ޓީއޯއައި-6651ބީ ގެ ނަމުން މި ޕްލެނެޓް ފާހަގަކޮށްފައިވާއިރު، މިއީ ސަބް-ސެޓަރން ގިންތީގެ ޕްލެނެޓެކެވެ. އިރާއި ދެމެދު 690 އަލި އަހަރުގެ ދުރުމިނުގައި އޮންނަ މި ޕްލެނެޓަކީ ނެޕްޗޫނިއަން ޑެޒަރޓްގެ ކައިރީގައި އޮންނަ އެންމެ ޑެންސް ތިން ސަބް-ސެޓަރން ޕްލެނެޓްގެ ތެރެއިން އެއް ޕްލެނެޓެވެ.
މި ދިރާސާގެ މައިގަނޑު ލިޔުންތެރިޔާ އަދި ޕީއެޗްޑީ ދަރިވަރެއް ކަމުގައިވާ ސަންޖޭ ބަލިވާލް ވިދާޅުވި ގޮތުގައި ޓީއޯއައި-6651ބީ އަކީ ނެޕްޗޫނިއަން ޑެޒަރޓްގެ ކައިރީގައި އޮންނަ ޕްލެނެޓަކަށް ވުމުން، މި ސަރަހައްދުގެ އިންތައް ބައްޓަންވެފައިވާ ގޮތް ދެނެގަތުމަށް މުހިންމު ޕްލެނެޓެއްކަމަށެވެ.
އެސްޓްރޮނޮމީ އެންޑް އެސްޓްރޯފިޒިކްސް ޖާނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުން، ޓީއޯއައި-6651ބީ އަކީ އޭގެ ހޯސްޓް ތަރި ވަށައިގެން އެންމެ ފަސް ދުވަހުން ބުރުއެޅޭ ޕްލެނެޓެކެވެ. މި ޕްލެނެޓް އޭގެ މައި ތަރިއާ ވަރަށް ކައިރީގައި ދައުރުވާތީ، އޭގެ ސަޠަޙުގެ ފިނިހޫނުމިން ވަނީ 1,500 ކެލްވިން (ގާތްގަނޑަކަށް 1,200 ޑިގްރީ ސެލްސިއަސް) އަށް އަރާފައެވެ. މި ސަބަބަށްޓަކައި މިއީ ދިރުން އުޅެން އެކަށީގެންވާ ޕްލެނެޓެއް ނޫނެވެ.
މި ޕްލެނެޓްގެ ކޯ އަކީ ވަރަށް ބަރު (މުޅި ސައްޔާރާގެ މާއްދާގެ 87 އިންސައްތަ) އަދި ދަގަނޑު ފަދަ މަޢުދަނުތަކުން މުއްސަނދި ގަލުން އެކުލެވިފައިވާ ކޯއެކެވެ. ބާކީ އޮތް ބައިގައި ވަނީ ކުޑަ ޑެންސިޓީއެއްގެ ހައިޑްރޮޖަން އަދި ހީލިއަމް ގޭސްތަކެވެ.
ޕީއާރްއެލްގެ ސައިންޓިސްޓުން ބުނާ ގޮތުގައި ޕާރަސް-2 ސްޕެކްޓްރޯގްރާފް އަކީ އޭޝިއާގައި ހުރި އެންމެ މަތީ ރެޒޮލިއުޝަން ހުރި ސްޕެކްޓްރޯގްރާފެވެ. މި އާލާތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މުސްތަޤުބަލުގައި މިއަށްވުރެ ކުދި ޕްލެނެޓްތައްވެސް ހޯދުމަށް މަގުފަހިވާނެ ކަމަށް އެ ސައިންޓިސްޓުން އުންމީދު ކުރެއެވެ.