ޚަބަރު
އަންނަ ރޯދަމަހު ރޯދަހަދިޔާގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ މަސްދަޅުކޭސްތައް އަންނަ ޖެނުއަރީއަށް އުފައްދާ ނިންމާލެވޭނެ
މިދިޔަ ރަމަޟާންމަހު ދާންދޫއަށް ބަހަން ގެންދިޔަ މަސްކޭސްތައް. ފޮޓޯ: ދާންދޫ ކައުންސިލް
ކުރިއަށް އޮތް ރޯދަމަހަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް އުފެއްދުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޤައުމީ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ކޮންމެ ރޯދަމަހަކުވެސް ރޯދަ ހަދިޔާ ދިނުމަށް ނިންމަވާފައިވާއިރު، މިފަހަރުވެސް މިދިޔަ ރޯދަމަހެކޭ އެއްގޮތަށް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު އުފެއްދުމުގެ މަސައްކަތް މިފްކޯއިން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުއެވެ. މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިފްކޯއިން ވިދާޅުވީ މިހާތަނަށް މަސައްކަތުގެ 33 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ދެވަނަ ހަފްތާއަށް މިމަސައްކަތް ނިންމާލުން ކަމަށްވެސް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މިފްކޯއިން މަސްދަޅު އުފައްދަމުންދަނީ މިދިޔަ އަހަރު ރައްޔިތުންނަށް ރޯދަ ހަދިޔާ ދިނުމަށް ބޭނުންވި މިންވަރަށް ރިޢާޔަތްކޮށްގެންނެވެ. އެކުންފުނިން މިކަމަށް ދުރާލާ ތައްޔާރުވެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއެވެ. މިދިޔަ ރަމަޟާންމަހު ސަރުކާރުން ވަނީ ޖުމްލަ 111،231 މަސްދަޅު ކޭސް ރޯދަ ހަދިޔާގެ ގޮތުގައި ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި މާލޭގެ ގޭބިސީތަކަށް ހަދިޔާކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅުތެރޭގެ ގޭބިސީތަކަށް ހަދިޔާކުރި 60،712 މަސްދަޅު ކޭސް ހިމެނެއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދިނުމުގެ އިތުރުން، ކުރިއަށް އޮތް ރަމަޟާންމަހު ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ ޑޮމެސްޓިކް ރޭޓުގައި ބިލް ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު އެންމެ ބޮޑުވެގެންވެސް ލިބޭނީ 400 ރުފިޔާގެ ކަރަންޓު ބިލެކެވެ. މިކަމުގެ ސަބަބުން ރޯދަ މަހުގެ ހަރަދުތައް ކުޑަކުރުމަށް ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.