Ads by Stelco

ޚަބަރު

ކެޕޭސިޓީ އިތުރުކުރުމަށް ފާއިތުވި 2 އަހަރު ރަށްރަށަށް 93 ޖެނެރޭޓަރު ފޮނުވާފައިވޭ: ނަޖާޙް

ކެޕޭސިޓީ އިތުރުކުރުމަށް ފާއިތުވި 2 އަހަރު ރަށްރަށަށް 93 ޖެނެރޭޓަރު ފޮނުވާފައިވޭ: ނަޖާޙް

ފެނަކަ މުވައްޒަފުންތަކެއް ޖެން ސެޓެއް އެސެމްބްލް ކުރަނީ. ފޮޓޯ: ފެނަކަ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ނޮވެމްބަރު 2025، 02:33

23 ނޮވެމްބަރު 2025، 02:33

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ރާއްޖޭގެ އެކި ރަށްރަށަށް ޖުމްލަ 93 ޖެނެރޭޓަރު ފޮނުވާފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ. 

ނަޖާޙް މިހެން ވިދާޅުވީ ދައުލަތުގެ މީޑީއާއިން ގެނެސްދޭ "ހަފްތަ 104" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ނަޖާޙް ވިދާޅުވީ، މި 93 ޖެނެރޭޓަރުގެ ތެރެއިން 2024 ވަނަ އަހަރު 57 ޖެނެރޭޓަރު ފޮނުވާފައިވާއިރު، މި އަހަރުގެ ތެރޭގައި 36 ޖެނެރޭޓަރު ވަނީ ފޮނުވާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން 48 ޖެނެރޭޓަރު ގެނައުމަށް މިހާރު ވަނީ ޢިއުލާންކޮށްފައެވެ. އެއީ ރަމަޟާން މަހު ކަރަންޓުގެ ޑިމާންޑު އިތުރުވާނެ ކަމަށް ބަލައިގެން ކުރެވޭ ތައްޔާރީތަކެކެވެ.

ނަޖާޙް އިޝާރާތް ކުރެއްވި ގޮތުގައި، ހަމައެކަނި އާ ޖެނެރޭޓަރު ގެނައުމުގެ ބަދަލުގައި، މިހާރު ބޭނުންކުރަމުންދާ ޖެނެރޭޓަރުތައް އޯވަރހޯލް ކުރުމުގެ މަސައްކަތްވެސް ފެނަކައިން ކުރިއަށް ގެންދެއެވެ. އޭނާ ވިދާޅުވީ، މިގޮތުން 47 ޖެނެރޭޓަރު ވަނީ އޯވަރހޯލް ކޮށްފައިވާ ކަމަށާއި، މިއީ ވެސް ޚިދުމަތް ދިނުމުގެ ކާމިޔާބީއެއް ކަމަށެވެ. ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ 157 ރަށެއްގެ ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ މައި ކުންފުންޏެވެ.

ކަރަންޓުގެ ޚިދުމަތުގެ އިތުރުން، ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަށް ވެސް ފެނަކައިން ދަނީ މަސައްކަތް ކުރަމުންނެވެ. ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 48 ރަށެއްގެ ފެނުގެ ޚިދުމަތް ގުޅާދީފައިވާއިރު، 28 ރަށެއްގެ ނަރުދަމާގެ ޚިދުމަތް ވަނީ ގުޅައިދީފައެވެ. އަދި 13 ރަށެއްގެ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ތެލުން ކަރަންޓު އުފެއްދުމަށް ދައުލަތުން ކުރާ ޚަރަދު ކުޑަ ކުރުމަށް ފެނަކައިގެ ތެރެއިން އިޔާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުތައްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. މިގޮތުން "ޕޮއިސް" މަޝްރޫޢުގެ ދަށުން 12 ރަށެއްގެ މަސައްކަތް ނިމި، 25 ރަށުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި "މަގޭ ސޯލާ" މަޝްރޫޢުގެ ދަށުން 187 ރަށެއްގައި ސޯލާ ހަރުކޮށްގެން ކަރަންޓު އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތްތަކުގެ ސަބަބުން ފެނަކައިން ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދައިގެ ތެރެއިން 2024 ވަނަ އަހަރު 4.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން