ޚަބަރު
މަސްތުވާތަކެއްޗާއެކު ޅ. ނައިފަރުން މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ޅ. ނައިފަރުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން މީހަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމީހާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ނައިފަރުގައި މަސައްކަތްކުރާ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ޅ.ނައިފަރު / އުޑުވިލާގެ ، ޒުހައިރު ޔޫސުފް (42އ) އެވެ.
ފުލުހުން އިތުރަށް ދާޅުވީ، މިމީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 1.24 ގުރާމެވެ. މި މައްސަލަ އާ ގުޅިގެން ޒުހައިރު ޔޫސުފް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.