ޚަބަރު
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން، އަލްއުސްތާޛު މުޙައްމަދު ފައިޞަލް އިސްތިޢުފާ ދެއްވައިފި
ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛު މުޙައްމަދު ފައިޞަލް.
ފަރުދުން
23 ނޮވެމްބަރު 2025، 04:23
23 ނޮވެމްބަރު 2025، 04:23
ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން، އަލްޤާޟީ އަލްއުސްތާޛު މުޙައްމަދު ފައިޞަލް އިސްތިޢުފާ ދެއްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް އިސްތިޢުފާ ދެއްވުމާ ގުޅިގެން ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް، ހައިކޯޓުގެ ނަމުގައި އެ ކޯޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.
19 މާރިޗު 2025ވަނަ ދުވަހުން ފެށިގެން، 19 ނޮވެންބަރު 2025 ވަނަ ދުވަހާ ހަމައަށް ހައި ކޯޓު ހިންގުމުގެ މަސައްކަތް ވަޤުތީ ގޮތުން ޙަވާލު ކުރެވިފައިވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލްއާއެވެ.
ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ކުރީން އަދާ ކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި، އެ ކޮމިޝަންގެ ނާއިބު ރައީސްކަމުގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ވަނީ ޤާނޫނީ ވަކީލެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.
އަލްއުސްތާޛު މުޙައްމަދު ފައިޞަލްއަކީ ކުއްލިޔަތުއްދިރާސާތިލްއިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނު ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ، 2018ވަނަ އަހަރުގެ ޖުލައި މަހުގެ 24ވަނަ ދުވަހުގައެވެ.