ޚަބަރު
ހުޅުމާލޭ ފަރަށް ގެއްލުން ދިން މީހުންނާ ދެކޮޅަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅަނީ
ހުޅުމާލޭގެ ފަރަށް ބަޔަކު ގެއްލުން ދެނީ.
ފަރުދުން
23 ނޮވެމްބަރު 2025، 04:24
23 ނޮވެމްބަރު 2025، 04:24
ހުޅުމާލޭ ފަރުމަތިން "ނެރެއް" ހަދަން އުޅުނީ ހުއްދަ ނުހޯދައި ކަމަށާއި، އެ ކަމާ ގުޅިގެން ފަރަށް ލިބުނު ގެއްލުން ބަލައި ފިޔަވަޅު އަޅާނޭ ކަމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރް.އޭ.)ގެ ޗީފް އެގްޒެކްޓިވް ޙައްސާން މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިރުމަތީ ފަރާތުގައި އެންމެ ރީއްޗަށް ގޮނޑުދޮށް އޮންނަ އަދި ގެސްޓް ހައުސްތައް ގިނަ ސަރަޙައްދުގެ ފަރަށް ގެއްލުންދީ ނެރެއް ގޮތަށް ކަނޑައި މަގެއް ހެދީ މިދިޔަ ބުދަ ދުވަހުގެ އިރުއޮއްސުނު ވަޤުތު ވަރަށް ބޮޑަށް ދިޔަވަރު ހިކިފައި އޮއްވައެވެ.
މި މައްސަލައާ ގުޅިގެން ޙައްސާން ވިދާޅުވީ، މި ކަމާ މެދު މިހާތަނަށް ވާހަކަ ދައްކާފައިވަނީ އެޗް.ޑީ.ސީ.އާ ކަމަށާއި، މި ކަން ކުރި ފަރާތްތަކުގެ މަޢުލޫމާތު، އެ ކުންފުނީގެ ފަރާތުން އަންގާފައިވާ ކަމަށެވެ.
"އެ މީހުން ނެރެއް ކަހަލަ އެއްޗެއް ހަދަން އުޅުނީ. އެކަމަކު އެ ކަންކަމަކީ ހުއްދަ ހޯދައިގެން ކުރެވޭ ކަންކަމަށް ވާއިރު މި ފަރާތްތަކުން އެފަދަ ހުއްދައެއް ނެތް ހޯދާފައެއް،" ޙައްސާން ވިދާޅުވިއެވެ.
އީ.އާރް.އޭ.އިން ބުނީ، މި މައްސަލައިގައި ހިމެނޭ މީހުންނާ ސުވާލުކޮށް، ޖަވާބުދާރީވުމަށް ފުރުޞަތު ދޭނޭ ކަމަށާއި، ނަމަވެސް ތަޙުޤީޤަށް ފަހު ފިޔަވަޅު އަޅާނޭ ކަމަށެވެ.
ތިމާވެއްޓާ ބެހޭ ޤަވާޢިދުގެ ދަށުން، މި ފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ޙައްސާން އިތުރަށް ވިދާޅުވި ގޮތުގައި، އެ އިދާރާއިން ސައިޓަށް ގޮސް، އެ ތަނަށް ލިބުނު ގެއްލުން ވެސް ދިރާސާ ކުރާނެއެވެ.
"ސައިޓަށް ގޮސްގެން އެ ތަނަށް ލިބުނީ ކިހައި ވަރެއްގެ ގެއްލުމެއްތޯ އަޅުގަނޑުމެންގެ ކޮމްޕްލަޔަންސްއިން ބަލާނެ. ޑެމޭޖް އެސެސްކުރުމަށް ފަހު ފިޔަވަޅު އަޅާނީ،" ޙައްސާން ވިދާޅުވިއެވެ.
ފަރުމަތީގެ ވަކި ޙިސާބަކުން ގާތައް ނަގައި، އަދި ފަރުމަތީން ގާތައް ތެޅުމުގައި ހައެއްކަ މީހުން ޙަރަކާތްތެރިވީ، ދަގަނޑު އާލާތްތައް ބޭނުންކޮށްގެންނެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި، މި ގޮތަށް ފަރުމަތީން އަދި ފަޅު ތެރެއިން ގާ ނަަގައި، ވޯޓަރ ސްޕޯޓްސްގައި ގެންގުޅޭ އުޅަނދުތަކަށް ޖާގަ ހެދުމަކީ ހުޅުމާލޭގައި ޢާންމުކޮށް ކުރާ ކަމެކެވެ.
ފަރަށް ގެއްލުންދީ، ފަރުމަތީން ކަނޑިންމައެއް ގޮތަށް ޖާގައެއް ހަދަން އުޅުނު މި މައްސަލަ މިހާރު ފެންމަތިވެފައި ވާއިރު، އެޗް.ޑީ.ސީ.އިން މީގެ ދުވަސްކޮޅެއް ކުރީން ވަނީ ހުޅުމާލެ ދެ ފިޔަވަހި ގުޅުވައިދޭ ހުޅުމާލޭ ޗެނަލް ޕާކުގެ މޫދަށް ކަނޑު އުޅަނދުތަކަށް ނުވަދެވޭ ގޮތް ހަދާފައެވެ. މޫދަށް އެރުމަށް އެތަން ބޭނުންކުރަމުން ދިޔައިރު ވެސް، އެ ހަނި ޖާގައިގެ ތެރޭގައި ޖެޓްސްކީ ފަދަ އެއްޗެހި ބާރު ދުވެލީގައި ނުރައްކާތެރި ގޮތަކަށް ދުއްވައެވެ.