Ads by Stelco

ޚަބަރު

ސަޢުދީގެ ޖަސްޓިސް މިނިސްޓްރީއާ ސުޕްރީމް ކޯޓާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަޢުދީގެ ޖަސްޓިސް މިނިސްޓްރީއާ ސުޕްރީމް ކޯޓާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ނޮވެމްބަރު 2025، 05:40

23 ނޮވެމްބަރު 2025، 05:40

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ކުރިއެރުވުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ސަޢުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްއާ ދެމެދު އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. 

މި އެއްބަސްވުމަކީ ދެ ޤައުމުގެ ޝަރުޢީ ދާއިރާގެ ގުޅުން ބަދަހިކޮށް، ޝަރުޢީ ނިޒާމުތައް ހަރުދަނާ ކުރުމަށްޓަކައި ސޮއިކުރެވުނު މުހިންމު ފިޔަވަޅެކެވެ.

މި ފަހުމުނާމާގައި ސޮއިކުރެވުނީ ސަޢުދީ އަރަބިއްޔާގެ ރިޔާޟްގައި ކުރިއަށްދާ "އިންޓަރނޭޝަނަލް ޖުޑީޝަލް ކޮންފަރެންސް"ގެ ހަވާސާގެ ތެރެއިންނެވެ. ސުޕްރީމް ކޯޓުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ. އަދި ސަޢުދީގެ ޖަސްޓިސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ މިނިސްޓަރު ޑރ. ވާލިދު އަލް ސަމާނީއެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު މި ފަހުމުނާމާއަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއިން ޢަރަބި އިސްލާމީ ޤައުމެއްގެ ޝަރުޢީ އިދާރާއަކާ އެކު ސޮއިކުރި ފުރަތަމަ ފަހުމުނާމާކަން ފާހަގަކޮށްލެވެއެވެ.

މި އެއްބަސްވުމުގެ ދަށުން، ޝަރުޢީ ނިޒާމުތަކާ ގުޅުންހުރި ޤާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާ ކުރުމަށް ދެ ޤައުމުން އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ޕްރޮފެޝަނަލް ޤާބިލުކަމާއި ހުނަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރާނެއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.

ޝަރުޢީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާ ކުރުމުގެ ބޭނުމުގައި، ދާއިރާއާ ގުޅޭ މައުލޫމާތާއި، ތަޖުރިބާ އަދި ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ މައުލޫމާތު ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ސުޕްރީމް ކޯޓުން ވިދާޅުވި ގޮތުގައި، މި ފަހުމުނާމާގެ ދަށުން ދެ ޤައުމުގެ ޝަރުޢީ ދާއިރާގެ ތަޖުރިބާކާރުންނާއި ފަންނީ މާހިރުންގެ މެދުގައި ޒިޔާރަތްތައް ބަދަލުކޮށް، ހުނަރާއި ތަޖުރިބާ ޙިއްސާކުރުން ކުރިއަށް ގެންދެވޭނެއެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ޝަރުޢީ ދާއިރާގެ ޢިލްމީ އަދި ފަންނީ ކޮންފަރެންސްތަކާއި، ސެމިނަރތަކާއި، މަޝްވަރާ ބައްދަލުވުންތަކާއި، ތަމްރީނު ޕްރޮގްރާމްތައް އަދި މަސައްކަތު ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުމުގެ ފުރުސަތުވެސް ދެ ޤައުމަށް ވަނީ ހުޅުވިފައެވެ. މިކަމުގެ ސަބަބުން ދެ ޤައުމުގެ ޝަރުޢީ ދާއިރާގެ ގުޅުން އިތުރަށް ހަރުދަނާވެ، ދާއިރާގެ ކުރިއެރުމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ސުޕްރީމް ކޯޓުން ލަފާކުރައްވައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން