ކުޅިވަރު

އެޓޯލް ޗެމްޕިއަންޝިޕް: ޓޫކިލޯގެ ގޯލަކާއެކު އއ އަތޮޅުގެ ޗެމްޕިއަންކަން ތޮއްޑޫ ހޯދައިފި

އެޓޯލް ޗެމްޕިއަންޝިޕް: ޓޫކިލޯގެ ގޯލަކާއެކު އއ އަތޮޅުގެ ޗެމްޕިއަންކަން ތޮއްޑޫ ހޯދައިފި

އއ. އަތޮޅުގެ ޗެމްޕިއަން ތަށި ތޮއްޑޫއިން އުފުލާލުން / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ނޮވެމްބަރު 2025، 07:34

23 ނޮވެމްބަރު 2025، 07:34

ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/26 ގެ އއ އަތޮޅުގެ ޗެމްޕިއަންކަން ތޮއްޑޫއިން ހޯދައިފިއެވެ.

ތިން ޓީމަކުން ވާދަކުރި އއ އަތޮޅުގެ މުބާރާތުގެ ފައިނަލުގައި ތޮއްޑޫއާ ދެކޮޅަށް ނިކުތީ އުކުޅަސްއެވެ.

ތޮއްޑޫ ޓާރފް ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1އިންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ތޮއްޑޫއިން ވަނީ ލީޑު ނަގާފައެވެ. އެއީ މެޗުގެ 3ވަނަ މިނެޓުގައި އަޙުމަދު ޝަމީމް ކާމިޔާބުކުރި ގޯލަކުންނެވެ. ޝަމީމް ވަނީ މި ދެ ޓީމު ގްރޫޕް ބުރުގައި ބައްދަލުކުރި މެޗުގައި ވެސް ގޯލެއް ކާމިޔާބުކޮށްފައެވެ.

ނަމަވެސް އޭގެ 3 މިނެޓު ފަހުން އުކުޅަހުގެ މުޙައްމަދު ޝިރުޙާން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ތޮއްޑޫއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ 71ވަނަ މިނެޓުގައި އިބްރާޙިމް އުސާމަތުގެ ގޯލަކުންނެވެ. އަދި އެ ޓީމުގެ ފަހު ގޯލު، މެޗު ނިމެން 2 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ، ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި މުބާރާތުގެ ފައިނަލުގައި ގޯލު ޖެހި، ތޮއްޑޫގެ ފަޚުރު، މުޚުތާރު ނަސީރު (ޓޫކިލޯ)އެވެ. 

މި އަތޮޅުން ވާދަކުރި ރަސްދޫއަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ. އެގޮތުން މި މަހުގެ 17ވަނަ ދުވަހު ތޮއްޑޫ އަތުން 2-0އިން ބަލިވިއިރު، 19ވަނަ ދުވަހު އުކުޅަސް އަތުން ބަލީވީ 4-2އިންނެވެ.

ގްރޫޕް ފުރަތަމަ މެޗުގައި، މި މަހުގެ 15ވަނަ ދުވަހު ތޮއްޑޫ އާއި އުކުޅަސް ބައްދަލުކުރި މެޗު ވެސް ކާމިޔާބުކުރީ ތޮއްޑޫއެވެ. އެއީ ހަމަ 3-1އިންނެވެ.

މި ކާމިޔާބާއެކު ޗެމްޕިއަނުންގެ ގޮތުގައި ޒޯން ލީގުގެ ޖާގަ ތޮއްޑޫ ހޯދިއިރު، ރަނަރަޕްގެ ގޮތުގައި އުކުޅަސްއަށް ވެސް އެ ފުރުސަތު ވަނީ ލިބިފައެވެ.

ގްރޭޓާ މާލޭ ރީޖަން ފިޔަވައި ކޮންމެ ރީޖަންއެއްގައި ސަބް ދެ ޒޯނު ހިމެނޭއިރު، ކޮންމެ އަތޮޅެއްގެ ޗެމްޕިއަނުންނާއި ރަނަރަޕް ބައްދަލުކުރާނީ އެ ލީގުގައެވެ. 

ޕްރިމިއާރ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯރތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ދިވެހި ލީގަށް ކޮލިފައިވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން