ކުޅިވަރު
ޕެނަލްޓީ ޖަހައިގެން ނިލަންދޫ ބަލިކޮށް ސެންޓްރަލް ޒޯން 2 ގެ ޗެމްޕިއަންކަން ކުޑަހުވަދޫއަށް
ކުޑަހުވަދޫގެ ހާރޫން ބޯޅަ ހިފައިގެން / ފޮޓޯ: ކްލަބް މޯލްޑިވްސް
އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ސެންޓްރަލް ޒޯން 2 ގެ ފައިނަލް 2-2 އިން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 4-3 އިން ނިލަންދޫ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ދ. ކުޑަހުވަދޫ ހޯދައިފިއެވެ.
ކުޑަހުވަދޫގެ އަކިރޭރޭ ފުޓްސަލް ދަނޑުގައި ކުޅުނު މި ފައިނަލް މެޗަކީ ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ. ޖުމްލަ 6 ޓީމު ވާދަކުރި މި މުބާރާތް ބާއްވާފައިވަނީ ވެސް ކުޑަހުވަދޫގައެވެ. ފައިނަލަށް ދަތުރުކުރި ދެ ޓީމަކީ ވެސް ގްރޫޕް އޭ އިން ސެމީ ފައިނަލަށް ދިޔަ ދެ ޓީމެވެ.
ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 4-2 އިން ކާމިޔާބުކުރީ ކުޑަހުވަދޫއެވެ. މީގެއިތުރުން، ކުޑަހުވަދޫ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ދަރަންބޫދޫ އަތުން ދެ ލަނޑުން ބަލިވެފައި އޮއްވައި، ފަހަތުން އަރައި 3-2 އިން މޮޅުވެގެންނެވެ.
ފައިނަލް މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ފޯރިގަދަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު ކުޑަހުވަދޫގެ ޖުމައިލް ޖަމީލް ފޮނުވާލި ނުރައްކާތެރި ބާރު ހަމަލާތަކަކަށްފަހު، މެޗުގެ ލީޑު ނެގީ ކުޑަހުވަދޫއިންނެވެ. އެ ޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުން އަލީ އިބްރާހިމީއެވެ.
އޭގެ ފަހުން ވެސް އަލީ އިބްރާހިމީ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވެ، ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ގެއްލުނެވެ. އަދި އެ ޓީމުގެ ހާރޫން އިބްރާހިމަށް ލިބުނު ފުރުސަތުގެ ބޭނުން ވެސް ހިފޭގޮތެއް ނުވިއެވެ.
ނަމަވެސް، މެޗުގެ 10 ވަނަ މިނެޓުގައި އަވަސް ފްރީކިކަކުން ލިބުނު ފުރުސަތެއްގައި މުޙައްމަދު ޝާން ވަނީ ނިލަންދޫއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑަށްފަހު ނިލަންދޫން އިތުރަށް ކުޅުން ވަރުގަދަކޮށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ހުސައިން ރިފާން ދިން ރީތި ޕާހަކުން، މޫސާ ޖަމާލް ނިލަންދޫއަށް ލީޑު ހޯދައިދިނެވެ.
ދެވަނަ ހާފަށް ކުޑަހުވަދޫ ނުކުތީ އިތުރު ހިތްވަރަކާއެކު މެޗު ކާމިޔާބުކުރުމުގެ އަޒުމުގައެވެ. އެގޮތުން ކުޑަހުވަދޫގެ އަލީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނެއްކާވެސް އެއްވަރުކޮށްފައެވެ. ކުޅުންތެރިން ގިނަވެ ތޮއްޖެހިފައި އޮތް އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަންއިރު، ކުޅުންތެރިއަކު ކީޕަރުގެ ކުރިމަތީގައި ހުރުމުން ކީޕަރަށް އެ ބޯޅަ ދިފާއުކުރަން ރިއެކްޓް ކުރާނެ ވަގުތެއް ނުލިބުނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ކުޑަހުވަދޫން ވަނީ 4-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ.
މި ކާމިޔާބީއާއެކު އަމިއްލަ ފަސްގަނޑުގައި ކުޑަހުވަދޫން ވަނީ ސެންޓްރަލް ޒޯން 2 ގެ ތަށި އުފުލައިލައިފައެވެ.