ޚަބަރު
ވިލިމާލޭގައި 850 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ފިޔަ ފައުންޑޭޝަނާ ހަވާލުކޮށްފި
ވިލިމާލޭގައި 0 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ފިޔަ ފައުންޑޭޝަނާ ހަވާލުކުރުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
23 ނޮވެމްބަރު 2025، 11:24
23 ނޮވެމްބަރު 2025، 11:24
ވިލިމާލޭގައި 850 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ފިޔަ ފައުންޑޭޝަނާ ހަވާލުކޮށްފިއެވެ. މި މިސްކިތް ބިނާކުރުމަށް ނިންމާފައި ވަނީ ވިލިމާލޭގެ މަސްޖިދުއްސަލާމް ހުރި ބިމުގައެވެ.
މި މިސްކިތް ބިނާ ކުރުމުގެ އެއްބަސްވުމުގައި ފިޔަ ފައުންޑޭޝަނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ސޮއިކުރީ، މިރޭ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައެވެ.
ފިޔަ ފައުންޑޭޝަނުން މި މިސްކިތް ބިނާ ކުރާނީ ހިލޭ އެހީގައިކަމަށް ވެސް އެ ރަސްމިއްޔާތުގައި ވަނީ އިޢުލާންކޮށްފައެވެ.
މި އެއްބަސްވުމުގައި އެ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކްސްކޯ މެމްބަރު މުޙައްމަދު ވިޝާމްއެވެ އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި މިސްކިތް ބިނާ ކުރާނީ ދެ ބުރިއަށެވެ. އަދި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން، 2 ކުލާސްރޫމާއި އޮފީސް ބައެއް ހިމެނޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
މިއީ މާލެ ސަރަހައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތައް ބިނާ ކުރުމަށް އިިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަޝްރޫއުއެއްކަމަށް ވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.