ކުޅިވަރު

އެޒޭގެ ހެޓްރިކަކާއެކު ސްޕާސް ބަލިކޮށް އާސެނަލް 6 ޕޮއިންޓުގެ ލީޑެއް ނަގައިފި

އެޒޭގެ ހެޓްރިކަކާއެކު ސްޕާސް ބަލިކޮށް އާސެނަލް 6 ޕޮއިންޓުގެ ލީޑެއް ނަގައިފި

ސްޕާސް ކޮޅަށް ހެޓްރިކް ހެދި އެޒޭ ވަނީ މިހާރު އާސެނަލްއަށް ޖުމްލަ 4 ގޯލު ކާމިޔާބުކޮށްދީފައި / ފޮޓޯ: ޕްރިމިއަރ ލީގު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 ނޮވެމްބަރު 2025، 08:34

24 ނޮވެމްބަރު 2025، 08:34

އިނގިރޭސި ޕްރިމިއަރ ލީގުގައި އެބެރެޗި އެޒޭ ހެދި ހްޓްރިކަކާއެކު ޓޮޓެންހަމް ހޮޓްސްޕާރ ބަލިކޮށް އާސެނަލްއިން ލީގުގެ އެއްވަނައިގައި 6 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާސެނަލްއިން ވަނީ މެޗުގެ ކުރީކޮޅުން ފެށިގެން ސްޕާސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ޑެކްލައިން ރައިސް އާއި ބުކާޔޯ ސަކާގެ ހަމަލާތައް ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް ދިފާއުކުރީ ސްޕާސްގެ ހުޝިޔާރު ގޯލްކީޕަރު ގުގްލިއެމޯ ވިޗެރިއޯއެވެ.

މެޗުގައި މޮޅަށް ކުޅެމުން ދިޔަ އާސެނަލް ލީޑު ނެގީ 36ވަނަ މިނެޓުގައި ލިއާންޑްރޯ ޓްރޮސާރޑްގެ ގޯލަކުންނެވެ. ސްޕާސްގެ ޑިފެންޑަރުންގެ ބޯމަތިން މެރީނޯ ޕާސްކޮށްލި ބޯޅަ ގޯލަށް ފޮނުވާލުމަށް އެހީތެރިވެދިނީ، ޓްރޮސާރޑް އޭނާގެ ބާރުގެ ދަށަށް ބޯޅަ ގެނައުމަށް ކޮށްލި ފުރަތަމަ ޓަޗެވެ.

އަދި މިދިޔަ އޯގަސްޓު މަހު އާސެނަލްއަށް ބަދަލުވުމުގެ ކުރިން، ސްޕާސްއަށް ބަދަލުވުމުގެ ފުރުސަތު ވެސް އޮތް އެޒޭ، މެޗުގައި އޭނާގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން 4 މިނެޓަށްވެފައި ވަނިކޮށެވެ. އޭނާގެ ދެވަނަ ގޯލު ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، ހެޓްރިކް ފުރިހަމަކުރީ މެޗުގެ 76ވަނަ މިނެޓުގައެވެ.

އެޒޭގެ ފުރަތަމަ ގޯލަކީ ސްޕާސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކަނާތުފައިން ފޮނުވާލި ބޯޅައެކެވެ. އަދި އޭނާގެ ދެވަނަ ގޯލު، ޕެނަލްޓީ އޭރިއާގެ ރޮނގުމަތީގައި ހުރެފައި ފޮނުވާލީ ވާތުފައިން ތިރީކަނަށެވެ.

މެޗުގައި ސްޕާސްގެ ގޯލަކީ އާސެނަލްގެ މާޓިން ޒުބަމެންޑީ އަތުން ގެއްލުނު ބޯޅައެއް ހޯދައި، ހާފުގެ މެދަށް ވުރެ ވެސް ދުރުން ރިޗާލިސަން ކާމިޔާބުކުރި ގޯލެކެވެ. އެ ބޯޅަ ލިބުނުއިރު އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ ހުރީ ތަންކޮޅެއް ކުރީގައިކަމުން، ރިޗާލިސަން މަތިމަތިން ފޮނުވާލި ބޯޅަ ގޯލަށް ވެއްޓުނީ ރާޔާގެ ބޯމަތިން ގޮހެވެ.

އާސެނަލް އެއްވަނައިގައި 29 ޕޮއިންޓާއެކު އޮތްއިރު، ދެވަނައިގައި 23 ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ. އަދި ތިންވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް 22 ޕޮއިންޓު ލިބިފައިވާއިރު ހަތަރުވަނައިގައި އޮތް އެސްޓަން ވިލާއަށް ލިބިފައި ވަނީ 21 ޕޮއިންޓެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން