Ads by Stelco

ޚަބަރު

ވިލިމާލެ ތަރައްޤީ ކުރާނީ ފެހިކަން ނުގެއްލޭ ގޮތަށް: ވަޒީރު މުއްޠަލިބް

ވިލިމާލެ ތަރައްޤީ ކުރާނީ ފެހިކަން ނުގެއްލޭ ގޮތަށް: ވަޒީރު މުއްޠަލިބް

އިމާރާތްކުރުމާ ބެހޭ ބަޒީރު ޑރ ޢަބްދުﷲ މުއްޠަލިބް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ނޮވެމްބަރު 2025، 10:10

24 ނޮވެމްބަރު 2025، 10:10

ހުލާސާ


ވިލިމާލެ ތަރައްޤީކުރާނީ ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް ޢިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ވިލިމާލޭ ރައްޔިތުިންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމަށް އާދީއްތަ ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާލެ، ވިލިމާލެ އަދި ތިލަފުށި ގުޅުވައިދޭ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމައާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ފެނުގެ އަޑީގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ސުޕަރސްޓަރަކްޗަރގެ މަސައްކަތްކަމަށެވެ. 

ނަމަވެސް ސަރުކާރުން ބޭނުންވާ ސްޕީޑުގައި މި މަޝްރޫއުގެ މަސައްކަތް ކުރިއަށްނުދާކަމަށާއި، މި މަޝްރޫޢުގެ ދުވެލި އަވަސްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ބުރިޖު ނިމިގެންދާއިރު ވިލިމާލޭގެ ޓްރެފިކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ވިލިމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށެވެ. 

ސަރުކާރުގެ އެއްވެސް ވިސްނުމެއް ނެތް މާލެއިން، ހުޅުމާލެއިން، އަދި ގުޅީފަޅުން އަދި ތިލަފުށިން އަންނަ ވެހިކަލްތައްވެސް ވިލިމާލެ ތެރެއަށް ވަދެގެން ދަތުރުކުރުމުގެ ފުރުސަތު ފަހިކުރުމެއް. އޭގެ ބަދަލުގައި އެއް އޮތް ސަރަހައްދުގައި ޕާކް ކޮށްފައި، ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކޮށްގެން ރަށު ތެރެއަށް ވަދެވޭނެ ގޮތަށް އިންތިޒާމުތައް ހެދުމަށް ސަރުކާރުގެ ވިސްނުން ހުރީ.

ވަޒީރު ޑރ ޢަބްދުﷲ މުއްޠަލިބް

މީގެ އިތުރުން، މި ބްރިޖު ނިމޭ ސަރަހައްދުގައި ޕާކިން ބިލްންޑިންއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

އިންޑިއާ ސަރުކާރުގެ އެލްއޯސީގެ ތެރެއިން އަޅުގަނޑުމެން ހުށަހަޅާނަން އެތަނުގައި ޕާކިން ބްލިންޑިންއެއް އެޅުމަށް. އޭރުން މިހާރު އެތަނުގައި ބެހެއްޓޭ ކާރާއި ސައިކަލަށްވުރެ މާ ބޮޑު އަދަދެއްގެ އުޅަނދު އެތަނުގައި ޕާކްކޮށްފައި ބެހެއްޓުމުގެ ފުރުސަތު ފަހިވެގެންދާނެ. އެހެންމަ އަޅުގަނޑުމެން މި ބްރިޖްތައް ތަރައްޤީކުރާނީ މިރަށުގެ ރައްޔިތުން ބޭނުންވާގޮތަށް.

ވަޒީރު ވިދާޅުވިއެވެ.

ބްރިޖު މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 އަށް ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން