ޚަބަރު
މިދިޔަ އަހަރު މިލަންދޫ ފަރަށް އެރި ސިންގަޕޫރުގެ ބޯޓު 12 މިލިޔަން ރުފިޔާއިން ޖޫރިމަނާ ކޮށްފި
ށ. މިލަންދޫ. / ތަޞްވީރު: މޯލްޑިވްސް ވަރޗުއަލް ޓުއަރ
ފަރުދުން
24 ނޮވެމްބަރު 2025، 02:59
24 ނޮވެމްބަރު 2025، 02:59
މިދިޔަ އަހަރު، މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ފަރަށް އެރި ސިންގަޕޫރު ކުންފުންޏެއްގެ ޓަގު ބޯޓު ބާރަ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރް.އޭ.)އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެޓޯލް ނެވިގޭޝަން ސަރވިސެޒް ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓްކަމުގެ ދަށުން ރާއްޖެއަށް ގެނެސްފައިވާ ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓަރީ ކޮށްފައިވާ "ޝްވޭ ލިން ޔޯން" (އައި.އެމް.އޯ. 9750488) ނަމަކަށް ކިޔާ ޓަގު ބޯޓު މިލަންދޫ ފަރަށް އެރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ކަމަށެވެ.
އެ ބޯޓު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނަވާރަވަނަ ދުވަހު ފަރުމަތިން ފުންކޮށް ނަގާފައި ވާތީ، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު ހަތެއް އަދި އަށެއްގައި އެ ބޯޓުގެ ވެރިފަރާތުން ހަމަޖެއްސި ސަވޭޔަރުންނާ އެކު، އެ އޮތޯރިޓީން ޖޮއިންޓް ސަރވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އީ.އާރް.އޭ.އިން ހާމަކުރެއެވެ.
އީ.އާރް.އޭ.އިން ބުނީ، ބޯޓު ފަރަށް އެރި ސަރަޙައްދު ބެލި ބެލުމުން، އެ ފަރުގެ 477 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ވީމާ، އެ ފަރުގެ މާޙައުލަށް ލިބުނު ގެއްލުންތަކަށް، ރާއްޖޭގެ ތިމާވެއްޓާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޢަދަދަކީ 12,006,200ރ. ކަމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ބުނެއެވެ.
އީ.އާރް.އޭ.އިން ހާމަކުރި ގޮތުގައި، ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ދެއްކުމަށް އެ ބޯޓުގެ ވެރިފަރާތް، ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑަށް މިދިޔަ ބުދަ ދުވަހު ވަނީ އަންގާފައެވެ.