Ads by Stelco

ޚަބަރު

ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށް ފަހުގައި ކެއާ ޓްރަސްޓް ކްލިނިކް އަލުން ހުޅުވައިފި

ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށް ފަހުގައި ކެއާ ޓްރަސްޓް ކްލިނިކް އަލުން ހުޅުވައިފި

ކެއާ ޓްރަސްޓް ކްލިނިކް ހުޅުވުމަށް ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން. / ތަޞްވީރު: ޕަބްލިކް ސަރވިސް މީޑިއާ

farudhun logo

ފަރުދުން

24 ނޮވެމްބަރު 2025، 03:28

24 ނޮވެމްބަރު 2025، 03:28

ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށް ފަހުގައި، ކެއާ ޓްރަސްޓް މަލްޓިސްޕެޝަލިޓީ ކްލިނިކް އަލުން ހުޅުވައިފިއެވެ.

ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތަކާ އެކު ކެއާ ޓްރަސްޓް ކްލިނިކް އަލުން ހުޅުވާފައިވަނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރެއިންކްރަސްޓް ޓަވަރު Aގެ ފުރަތަމަ ފަންގިފިލާގައެވެ.

އެ ތަން ހުޅުވުމާ ގުޅޭ ގޮތުން މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ކެއާ ޓްރަސްޓްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އިބްރާހީމް ރަޝީދު ވިދާޅުވީ، އެ ކްލިނިކް ހުޅުމާލޭގައި ފެށުނުއިރު ހުރީ އެންމެ ތިން ކޮޓަރި ކަމަށާއި، ބަލި މީހުން ބަލަމުން ދިޔައީ އެންމެ ހަތަރު ޑޮކްޓަރުން ކަމަށެވެ. ވީމާ، އޭރު ޖާގައިގެ ދަތިކަން ކުރިމަތިވެފައިވީ ކަމަށް ޑރ. އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އޭރު އަޅުގަނޑު ފެރީގައި އަލްޓްރާ ސައުންޑް މެޝިން ބްރީފް ކޭހެއްގައި ހިފާލައިގެން އައިސްފައި ފަށައިގެންފައި ދުވަސްކޮޅެއްނުވެ، ކްލިނިކްގައި އަލްޓްރާސައުންޑް މެޝިނެއް ބޭންދީ. އޭގެ ފަހުން އެތާ ޖެހިގެން ހުރިތަނަށް ބަދަލު ކުރަމުން ގޮސް އަށް ކޮޓަރިއަށް ބަދަލުކުރުމަށް ފަހު އެކްސްރޭ މެޝިނެއް ބެހެއްްޓީ. ނަމަވެސް އޭރު ވެސް ބަލި މީހުން މަޑުކުރަން ޖެހޭ ދިމާލަކީ ވަރަށް ދަތިކޮށް ހުންނަ ދިމާލެއް. ސިޑިން އަރަން ޖެހޭނީ. ލިފްޓެއް ނުހުރޭ. ދެން އެ ކަން ޙައްލުކުރުމަށް އެޗް.ޑީ.ސީ.ގައި ދަންނަވައިގެން ތަނެއް ހަމަޖެހިގެން ދިޔައީ

އެމް.ޑީ. ޑރ. އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ބޮޑު ތަނެއް ހުޅުވާއިރު އިތުރު ޚިދުމަތްތައް ވެސް ތަޢާރަފުކުރަން ޖެހޭނެ ކަމަށާއި، އެގޮތުން ރޭ ހުޅުވި ކްލިނިކްގެ ޚިދުމަތްތައް ކުރިއަށް ވުރެ ފުޅާކޮށްފައިވާނެ ކަމަށް އެމް.ޑީ. ވިދާޅުވިއެވެ. އެގޮތުން، މިހާރު ކޮންމެ ކޮޓަރިއެއްގައި އަލްޓްރާ ސައުންޑް މެޝިނެއް ހުންނާނެ ކަމަށާއި ކޮންމެ މެޝިނަކީ ހައިއެންޑް މެޝިނެއް ކަމަށް އެމް.ޑީ. ވަނީ މަޢުލޫމާތު ދެއްވާފައެވެ.

އެ ތަނުގައި އޮޕަރޭޝަން ތިއޭޓަރެއް ވެސް ހަދާފައިވާނެ ކަމަށާއި، ކުދި ކުދި ޕްރޮސީޖަރތައް ކުރިއަށް ގެންދިއުމަށް މައިނަރ ޕްރޮސީޖަރ ކޮޓަރިއެއް ވެސް ތައްޔާރުކޮށްފައިވާނެ ކަމަށް ކްލިނިކްގެ އެމް.ޑީ. ޑރ. އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. ލެބޯޓްރީން ވެސް އެންމެ މޮޅު ޓެސްޓްތައް ހެދެން ހުންނާނެ ކަމަށާއި، ނުހެދޭ ޓެސްޓެއްނަމަ ބޭރަށް ފޮނުވައިގެން ހެދުމުގެ އިންތިޒާމް ފަހިކުރެވިފައިވާނެ ކަމަށް ވެސް އެމް.ޑީ. ވިދާޅުވިއެވެ.

އާ ޚިދުމަތްތަކާ އެކު ފެންވަރު ރަނގަޅު މުވައްޒަފުން ވެސް އެެ ތަނަށް އިތުރުކޮށްފައިވާނެ ކަމަށް ބަސްދީގަތުމުގައި ހާމަކުރެއްވިއެވެ. އެގޮތުން، ތަޖުރިބާކާރު އާ ޑޮކްޓަރުންނާއި މުވައްޒަފުން ހޮވާފައިވާނެ ކަމަށް ޑރ. ރަޝީދު ވިިދާޅުވިއެވެ.

ކެއާ ޓްރަސްޓްގެ އާ ކްލިނިކްގައި 16 ކޮންސަލްޓޭޝަން ރޫމް ހުންނައިރު، އެއްފަހަރާ 12 ބަލި މީހުން ބެލޭނެއެވެ. އަދި އެ ތަނުގައި ފުލް ޓައިމް 10 ޑޮކްޓަރުން މަސައްކަތް ކުރައްވާއިރު، 20 ވިޒިޓިންގ ޑޮކްޓަރުން ވެސް މަސައްކަތް ކުރާނެއެވެ.

 އާ ކްލިނިކް ހުޅުވުމާ އެކު ޑރ. އިބްރާހިމް ރަޝިދު ދެއްވި ޔަޤީންކަމަކީ، ރައްޔިތުން އުންމީދުކުރާ ފަދަ ފެންވަރު ރަނގަޅު ފުރިހަމަ ޚިދުމަތެއް އެތަނުން ލިބިގެންދާނެ ކަމުގެ ޔަޤީންކަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން