ޚަބަރު
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި ނިޔާވެއްޖެ
އަމާން އުދަރެސް---
ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި ނިޔާވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތުދީފައިވާ ގޮތުގައި އެ މީހާ ވެއްޓުނީ އަމާން ދޯދި ޓަވަރު އަށަކުންނެވެ. އިތުރު މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ފިރިހެނެކެވެ. އަދި އޭނާ ވެއްޓުނީ 15 ވަނަ ފަންގިފިލާއިން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މީގެ އިތުރުން، މަތިން ވެއްޓުމުގެ ސަބަބުން ބޭރު ފުށުން ފެންނަގޮތަށް ބޮޑެތި އަނިޔާތައް ލިބިފައިވާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އުސްއިމާރާތްތަކުން ވެއްޓި މީހުންގެ ފުރާނަ ގެއްލެމުންދާ ހާދިސާތައް އިތުރުވެފައިވާއިރު، މިކަމަށް ރައްކާތެރިވުމުގެ ގޮތުން ކުޑަ ދޮރުތަކުގައި ގްރިލް ހަރުކުރުމުގެ މަސައްކަތް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންނަނީ ކުރަމުންނެވެ.