ޚަބަރު
ސައިބާ ސެކިއުރިޓީ ވަރުގަދަކުރަން އާސަންދައިން ބަޔަކު ހޯދަނީ
އާސަންދަ އޮފީސް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް ސައިބާ ނުރައްކާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ރައްކާތެރިކަން ވަރުގަދަކުރުމުގެ ގޮތުން ސައިބާ ސެކިއުރިޓީ ޚިދުމަތްތައް ފޯރުކޮށްދޭނެ ކުންފުންޏެއް ހޯދުމަށް އާސަންދަ ކުންފުނިން އިއުލާންކޮށްފިއެވެ.
އާސަންދަ ކުންފުނިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ކުންފުނީގެ މެއިލް، [email protected] މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ.
މެއިލް ފޮނުވާއިރު، ޝައުގުވެރިކަން ފާޅުކުރާ ކުންފުނީގެ ނަމާއި، ކުންފުނީގެ މަންދޫބެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރުގެ އިތުރުން އައިޑީކާޑު ނަންބަރާއި، ކަމާގުޅޭ އިއުލާނު ނަންބަރު ހިމަނަންޖެހެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 20 ވާ އަންގާރަ ދުވަހުގެ 11:00 ގައި ވެބް މީޓިންގެއް މެދުވެރިކޮށެވެ.
ދިވެހި ރައްޔިތުންގެ ސިއްހީ އަދި ޒާތީ މުހިންމު ގިނަ މައުލޫމާތުތަކެއް ބަލަހައްޓަމުން އަންނަ އާސަންދައިން ސައިބާ ސެކިއުރިޓީ ހަރުދަނާކުރަން މި ފިޔަވަޅު އަޅާފައިވަނީ، ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުންގެ ސައިބާ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން ހާމަކޮށްފައިވާ ވަގުތެއްގައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މިފަދަ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާ ސައްހަ މެއިލްތަކެއްގެ ގޮތުގައެވެ. އަދި އޭގައި ހިމެނޭ ލިންކުތަކާއި ފައިލްތައް ހުޅުވުމުން ޔޫޒާނޭމާއި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުސަތު އޮންނާތީ، މުއައްސަސާތަކާއި އާންމު ރައްޔިތުން ވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.