ޚަބަރު
ޔޫތު އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވުނު ޒުވާން މަސްވެރިންނާ ވަޒީރު ޝިޔާމް ބައްދަލުކުރައްވައިފި
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ވޯލްޑް ބޭންކުގެ ޓްރާންސްފޯމް ޕްރޮޖެކްޓާ ގުޅިގެން ހިންގާ "ޔޫތު އިންޓަރންޝިޕް ޕްރޮގްރާމް" އަށް ހޮވުނު ޒުވާން މަސްވެރިންނާ މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، ވަޒީރު ވަނީ ސްކޮލަރޝިޕް ލިބުނު ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުން، ބައިވެރިން ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓް ގާޑުގެ އެހީތެރިކަމާއެކު ރ. ދުވާފަރުގައި "ޖެނެރަލް ނެވިގޭޝަން ކޯސް" ފުރިހަމަކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، މަސްވެރިކަމުގެ ދާއިރާގެ މުސްތަޤްބަލް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދިވެހި ޒުވާނުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުވާލައްވަފައެވެ. އަދި ޔޫތު އިންޓަރންޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރި މަސްވެރި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅު ފުއްދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ، ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންގެ ފަރާތުން ހީވާގިކަމާއެކު އުނގެނި، ސުވާލުކޮށް، ޢަމަލީ ތަޖުރިބާ ހޯދައިގެން މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ހިއްވަރުދެއްވާފައެވެ. ހަމަ އެހެންމެ، މި ޕްރޮގްރާމްގެ ހުރިހާ މަރުޙަލާއެއްގައި ވެސް، އެންމެ މަތީ ފަންތީގައި އަޚްލާޤާއި، އިޚްލާޞްތެރިކަމާއި، މަސައްކަތުގެ ސުލޫކު ދެމެހެއްޓުމަށް ވެސް ވަޒީރުގެ ވަނީ ބާރުއަޅުއްވާފަ އެވެ.
މި އިންޓަރންޝިޕް ކުރިއަށްދާނީ، ރާއްޖޭގައި އެންމެ ގިނައިން މަސް ބާނާ ދޯނިފަހަރުގައެވެ. އެގޮތުން، ތަޖުރިބާކާރު މަސްވެރިންނާއި ދޯނީގެ ފަޅުވެރިންނާއެކު 3 މަސްދުވަހުގެ މުއްދަތަށް ޢަމަލީ ތަމްރީނު ބައިވެރިން ހާޞިލުކުރާނެއެވެ.