ޚަބަރު
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަމަޖެހިގެން އުޅުމުގެ ފުރުޞަތެއް ނުދޭނަން: ވަޒީރު އިޙްސާން
ވަޒީރު އިޙްސާނު/ފޮޓޯ: ޕީއެސްއެމް
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަމަޖެހިގެން އުޅުމުގެ ފުރުޞަތު ދިވެހި ފުލުހުން ނުދެއްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ސަރުކާރަށް 2 އަހަރުފުރުމާއި ގުޅިގެން ޕީއެސްއެމް އިން ގެނެސްދޭ "ހަފުތާ 104" ޕްރޮގްރާމްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ވަޒީރު ވަނީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި ދެވެން އޮންނަ އެންމެ ބޮޑު އަދަބު ލިބޭގޮތަށް ޤާނޫނު އިޞްލާޙުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމުން ވެސް މި ނުރައްކާތެރިވަ ބާއިން ޤައުމު ސަލާމަތްކުރުމުގައި އެމަނިކުފާނުގެ ސީރިއަސްކަން ހާމަވެގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި މި ވަބާ ހުއްޓުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެއްޖެކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޑްރަގުގެ ވިޔަފާރި ކުރާ މައި ނެޓްވޯކްތަކުގައި އުޅޭ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.
ޑްރަގުގެ ވިޔަފާރި ކުރާ މީހުންނަނީ މި ސޮސައިޓީގަ އަޅުގަނޑު ކުރިންވެސް ދެންނެވިހެން އުޅެން އުނދަގޫވާ ބަޔަކަށް ހަދާނަން. ސަބަބަކީ ދިވެހި ފުލުހުން އެ ޖާގައެއް ނުދޭނެ އެ މީހުންނަށް ހަމަޖެހިލައިގެން ރާއްޖޭގެ ޒުވާނުން އަދި ރާއްޖޭގެ އާއިލާތަކުގެ ހާލަތު ހަލާކުކޮށްލާކަށް. އެ ނަޒަރިއްޔާއިން އަޅުގަނޑުމެންގެ މަސައްކަތްތައް މިހުރީ. އެހެންވީމަ މި ޓާގެޓްތަކާ ދެކޮޅަށް މަސައްކަތް ކުރާނީ.
ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، އެ ފަރާތްތަކުން މަސްތުވާތެތީގެ ވިޔަފާރިކޮށް ރައްޔިތުންނަށް ދިން ބޮޑު ގެއްލުމާއި ޤާނޫނު އަރާ ހަމަކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ޤަބޫލުކުރާ މިންވަރަށް ގޭންގުގެ މައްސަލަ ޙައްލުކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ޑްރަގުގެ ވަބާގައި ޖެހިފައި ތިބީ މީހުން ޖަލަށްލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، މަސައްކަތުގެ ފޯކަސް ހުރީ ފަރުވާގެ ނިޒާމުގެ ތެރެއިން އެ މީހުން ރަނގަޅު ކުރުމަކަށްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތަކެއް ފެށި ނަމަވެސް ހަޤީގީ މާނާގައި ނަތީޖާ ނެރެދެމުން މިދަނީ އަދުގެ ސަރުކާރުން ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް އެކަށީގެންވާ ވަޞީލަތްތައް ވެސް އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤާއިމްކުރެވިފައިނުވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު 3 ރަށެއްގައި މިހާރު ވެސް ރިހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބައިނަލްއަޤްވާމީ ފެންވަރުގައި ފަރުވާދޭ މަރުކަޒުތަކެއް ހެދުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.