Ads by Stelco

ޚަބަރު

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި!

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި!

ކަނޑުގަދަ ދުވަހެއްގައި ކަނޑުމަތީގައި އުޅަނދެއް ދުއްވާފައި ދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ނޮވެމްބަރު 2025، 06:28

24 ނޮވެމްބަރު 2025، 06:28

ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން އިލްތިމާސްކުރައްވައިފިއެވެ.

 މުޅި ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހަށް މޫސުން ގޯސްވެ، ޚާއްޞަކޮށް ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، މިފަދަ ދަތުރުތައް ކުރާ ފަރާތްތަކުގެ ސަލާމަތަށްޓަކައި އެމްއެންޑީއެފުންވަނީ މި އިލްތިމާސްކުރައްވާފައެވެ.

އެމްއެންޑީއެފުން އިލްތިމާސްކުރައްވާފައިވާ ގޮތުގައި، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިދުވަސްވަރު ނުކުރުމަށް ވަނީ އެދިފައެވެ. އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިފައިވެއެވެ. 

އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ރަނގަޅަށް ހުރިތޯ ޗެކްކުރުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން އެކަށީގެންވާ ވަރަށްވުރެ އިތުރަށް މުދާ ބަރު ނުކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ދޯނީގައި ލައިސަން ބެހެއްޓުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

ރޭގަނޑު ދަތުރުކުރާ ނަމަ އިތުރަށް ސަމާލުވުމަށާއި، ޑައިވިންގ އަދި ވޯޓަރ ސްޕޯރޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ވެސް ވަނީ ހަނދާންކޮށްދީފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާފައިވާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރައި ބައެއް ރަށްރަށަށް ބޯކޮށް ވާރެވެހޭނެއެވެ. އަދި ވައިބާރުވެ ވިލާގަނޑުގައި އިތުރަށް ވައިގަދާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެއިދާރާއިން ލަފާކުރައްވައެވެ. 

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ދ.އަތޮޅަށް މިރޭ 8:00 ޖެހުމާ ހަމައަށް ހުދު ސަމާލު ވެސް ވަނީ ނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވެފައިވާ ގޮތުގައި، ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވެއެވެ. މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހުރިހާ ފަރާތްތަކުން ވެސް އަދި ޚާއްސަކޮށް ދަތުރުވެރިން މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު އަދާ ހަމަކުރުމާއެކު މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން