ޚަބަރު
މާލޭގައި ވަރަށް ގަދައަށް އިންފްލުއެންޒާ ފެތުރެމުންދާކަމަށް ޑރ. ފައިސަލް ވިދާޅުވެއްޖެ
އައިޖީއެމްގެ އެމަރޖެންސީ ރޫމްގައި ނަރުހެއް ހަރަކާތްތެރި ވަނީ / ފޮޓޯ: އައިޖީއެމްއެޗް
މާލޭގައި ވަރަށް ގަދައަށް އިންފްލުއެންޒާ ފެތުރެމުންދާކަމަށް، ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ، ޑރ. އަޙުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެރޭ މީސްމީޑިއާގައި ޑރ. ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގައި އިންފްލުއެންޒާ ފެތުރިފައިވާލެއް ބޮޑުކަމުން، ބާލީގެ އުނދަގޫތައް ކުދިންނަށް ކުރަމުންދާ މިންވަރު އިތުރުވާކަމަށެވެ. އަދި ބައެއް ކުދިންނަށް ބޮޑުވަރުވެގެން ގޮސް، ނުހިނގޭވަރު ވެސް ވާކަމަށް ބުނެފައި ވެއެވެ.
މާލޭގައި އިންފުލުއެންޒާ ވަރަށް ގަދައަށް އެބައުޅޭ. ބައެއްކުދިންގެ ގައިގައި ރިއްސާ، ނުހިނގޭވަރުވެސްވޭ.
ޑރ. އަޙުމަދު ފައިސަލް ވިދާޅުވިއެވެ.
މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ޑރ .ފައިސަލް ވަނީ ނަސޭހަތްތެރިވެފައެވެ.
ޑރ. ފައިސަލް ވިދާޅުވީ، މާލޭގެ އިތުރުން މުޅި ކ އަތޮޅުގައި ޑެންގޫ ވެސް ފެތުރެމުންދާ ކަމަށެވެ. އަދި ޚާއްޞަކޮށް ހިންމަފުއްޓާއި މާފުށީގައި ޑެންގޫގެ ނުރައްކާ ބޮޑުކަމަށް ޑރ. ވިދާޅުވިއެވެ. އެހެންކަމުން އެ ރަށްރަށުގައި އުޅޭއިރު މަދިރި ހެފިޔަ ނުދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
މާލޭގައި އިންފުލުއެންޒާ ވަރަށް ގަދައަށް އެބައުޅޭ.
— Ahmed Faisal (@Faisalnaifaru) November 24, 2025
ބައެއްކުދިންގެ ގައިގައި ރިއްސާ، ނުހިނގޭވަރުވެސްވޭ.
ވެކްސިން ޖަހާލާ!
ކާފުއަތޮޅުގައި ޑެންގޫވެސް ވަރަށްގިނަ، ޚާއްޞަކޮށް ހިންމަފުށްޓާއި މާފުށީގައި
މަދިރި ހެފިޔަނުދޭތި! pic.twitter.com/lsCRMHFz9O
އިންފްލުއެންޒާއަކީ ގައިންގަޔަށް އަރާ ރޯގާއެކެވެ. އެހެންކަމުން ބަލިފެތުރުނަ ނުދިނުމަށް ސަމާލުވުން މުހިންމެވެ.
އިންފުލުއެންޒާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:
- ކެއްސާ، ކިނބިހި އަޅާއިރު، އަނގަމައްޗާއި ނޭފަތް ނިވާކުރުން.
- ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
- ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން.
- ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާއި ކައިރިނުވެ އެކުދިން އުރާ ނުހެދުން.
- އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން.
އިންފްލުއެންޒާ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، ހުން ގަދަވުމާއި، ބޮލުގައި ރިއްސުމާއި، ހަށިގަނޑާއި މަސްތަކުގައި ރިއްސުމާއި، ކަރުގައި ރިއްސުމާއި، ކެއްސުމާއި، ނޭފަތް ހިރުވުމާއި، ބެދުން އަދި ވަރުބަލިވުން ކަމަށް ޞިއްޙީ މާހިރުން ހާމަކުރެއެވެ.
މީގެ އިތުރުން ޑެންގީގެ އަލާމާތްތައް ފެންނަނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަކީ އެންމެ ރައްކާތެރި ގޮތެވެ.