ޚަބަރު
މި ޒަމާނުގައި އަންހެނުންނަށް ލިބޭ އަނިޔާއަކީ ދިރިއުޅުމުގެ އާދައެއްކަމަށް ޤަބޫލުކޮށްގެން ތިބެގެން ނުވާނެ: މެޑަމް ސާޖިދާ
މެޑަމް ސާޖިދާ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ
މި ޒަމާނުގައި އަންހެނުންނަށް ލިބޭ އަނިޔާއަކީ ދިރިއުޅުމުގެ އާދައެއްކަމަށް ޤަބޫލުކޮށްގެން ތިބެގެން ނުވާނެ ކަމަށް ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްެޖެއެވެ.
އެ ކަމަނާ މިހެން ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކްސްގައި ކުރެއްވެވި ޕޯސްޓުގައެވެ.
މެޑަމް ސާޖިދާ ވަނީ މިޒަމާނުގެ އަންހެނުންނަށް ލިބޭ އަނިޔާއަކީ ދިރިއުޅުމުގެ އާދައެއްކަމަށް ޤަބޫލުކޮށްގެން ތިބެގެން ނުވާނެކަމަށް ވިދާޅުވެ އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް ހިތްވަރުދެއްވާފައެވެ.
ފަސްޓްލޭޑީ ވިދާޅުވީ، މިއަދު މި ފާހަގަކުރެވެނީ ބިރުވެރިކަމުގެ ސަބަބުން އަޑު ކެނޑިފައިވާ ކޮންމެ އަންހެނަކާއި އަންހެން ކުއްޖެއްގެ ޙައްޤުގައި ކަމަށެވެ. އަދި ކޮންމެ އަންހެނަކަށްވެސް ރައްކާތެރިކަމާއި، ޢިއްޒަތްތެރިކަމާއި، ކުރިއަރައި ދިއުމުގެ މިނިވަންކަން ލިބެންޖެހޭނެކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. މި ޑިޖިޓަލް ޒަމާނުގައި، އަނިޔާއަކީ ދިރިއުޅުމުގެ "އާދައެއް" ކަމަށް ޤަބޫލުކުރުމަށް އަންހެނުން ދެކޮޅު ހަދަންޖެހޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޑިޖިޓަލް މާޙައުލުގައި އަންހެނުންނަށް ކުރިމަތިވާ އަނިޔާތަކަށް އަލިއަޅުވާލައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ޑިޖިޓަލް މާޙައުލަކީ އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުވާ ތަނަކަށް ވާންޖެހޭނެކަމަށެވެ. އަދި އޮންލައިންކޮށް ބިރުދެއްކުމާއި އަނިޔާކުރުމަށް އެއްވެސް ބަހަނާއެއް ނެތްކަމަށް ވިދާޅުވިއެވެ.
އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމަށް ގޮވާލައްވަމުން ފަސްޓްލޭޑީ ވަނީ، އޮންލައިންކޮށް އަދި އޮފްލައިންކޮށްވެސް އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރި ދުނިޔެއެއް ކަށަވަރުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. މި މަސައްކަތް އެންމެން ގުޅިގެން ކޮށްފިނަމަ، އަންހެނުންނަށް އެހީތެރިވެ، ބާރުވެރިކަން ލިބިގެންވާ މުޖުތަމަޢެއް ބިނާކުރެވޭނެކަމަށް އެކަމަނާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.