ދުނިޔެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދިހަ މިނިޓަކުން އަންހެނަކު މަރާލާ: އ.ދ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދިހަ މިނިޓަކުން އަންހެނަކު މަރާލާ: އ.ދ

އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބޭއްވި އެއްވުމެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ނޮވެމްބަރު 2025، 02:21

25 ނޮވެމްބަރު 2025، 02:21

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ ދިހަ މިނިޓަކުން އަންހެނަކު މަރާލާ ކަމަށް އ.ދ. އިން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. އެރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރު ގާތްގަނޑަކަށް 50،000 އަންހެނުން މަރާލާފައި ވަނީ އެމީހުންނާ ގާތް ގުޅުމެއް އޮންނަ މީހެއްގެ އަތުންނެވެ. އެއީ ކޮންމެ 10 މިނެޓަކުން އެކަކު މަރާލާ މިންވަރު ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

 އ.ދ. އިން ވަނީ އަންހެނުން މެރުމުގެ ކުށްތަކާ ދެކޮޅަށް ހިންގާ މަސައްކަތުގައި އެއްވެސް ހަރުދަނާ ކުރިއެރުމެއް ނުލިބުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން އ.ދ. ގެ ވުމަން އަދި ޔޫ.އެން.އޯ.ޑީ.ސީ. އިން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 83،000 އަންހެނުންނާއި އަންހެން ކުދިން ގަސްތުގައި މަރާލާފައިވެ އެވެ.

 މި މީހުންގެ ތެރެއިން 60 އިންސައްތަ (50،000 އަންހެނުންނާއި އަންހެން ކުދިން) މަރާލާފައި ވަނީ ގާތް ގުޅުމެއް އޮންނަ ފަރާތަކުން ނުވަތަ އާއިލާގެ މެމްބަރުންގެ އަތުންނެވެ. އެއީ ދުވާލަކަށް އެވްރެޖުކޮށް 137 މީހުންނެވެ. އެއާ ހިލާފަށް، ފިރިހެނުންގެ ތެރެއިން ގާތް ގުޅުމެއް އޮންނަ ފަރާތަކުން ނުވަތަ އާއިލާގެ މެމްބަރުންގެ އަތުން މަރާލާފައި ވަނީ އެންމެ 11 އިންސައްތަ އެވެ.

މި އަދަދު 2023 ވަނަ އަހަރާ އަޅާ ބަލާއިރު ކޮންމެވެސް ވަރަކަށް ދަށް ނަމަވެސް، ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިއީ އަންހެނުންނާ ދެކޮޅަށް ހިންގާ ކުށްތައް ޙަޤީޤަތުގައި ދަށްވެފައިވާ ކަމުގެ ނިޝާނެއް ނޫނެވެ. އެއީ ގިނަ ބަޔަކަށް ލިބޭ ޑޭޓާގެ ތަފާތުތަކާ ގުޅިފައިވާ ކަމެކެވެ. މި ކުށްތައް ހުރިހާ ބައްރުތަކުގައި ވެސް ހިނގާފައިވާއިރު، އެންމެ ގިނަ ކޭސްތައް މިދިޔަ އަހަރު ވެސް ރިކޯޑުކޮށްފައި ވަނީ އެފްރިކާގަ އެވެ. އެއީ ގާތްގަނޑަކަށް 22،000 ކޭސް އެވެ.

އ.ދ. ވުމަންގެ ޕޮލިސީ ޑިވިޝަންގެ ޑިރެކްޓަރު ސާރާ ހެންޑްރިކްސް ވިދާޅުވީ، އަންހެނުން މެރުމުގެ ކުށްތައް ހިނގަނީ އެކަހެރިކޮށް ނޫން ކަމަށާއި، ގިނަ ފަހަރަށް އެއީ "އަނިޔާވެރިކަމުގެ ދިގު ސިލްސިލާއެއްގެ ތެރެއިން" ހިނގާ ކަމެއް ކަމަށެވެ. 

އެ ސިލްސިލާ ފެށިގެން އަންނަނީ ކޮންޓްރޯލްކުރުމުގެ އަމަލުތަކާއި، ބިރު ދެއްކުންތަކާއި، އޮންލައިންކޮށް ވެސް ހިމެނޭ ގޮތަށް ހާނިކާ ކުރުމުގެ އަމަލުތަކުންނެވެ. އޭނާ ވިދާޅުވީ، "މިފަދަ ކުށްތައް ހުއްޓުވުމަށް، އޮންލައިންކޮށް ނުވަތަ އޮފްލައިންކޮށް އަންހެނުންނާއި އަންހެން ކުދިންގެ ދިރިއުޅުމުގައި އަނިޔާވެރިކަން ފާޅުވާ ގޮތް ދެނެގަނެ، އެކަން ގަތުލަކަށް ބަދަލުވުމުގެ ކުރިން ކުށްވެރިންނަށް އަދަބު ދެވޭނެ ޤާނޫނުތައް ތަންފީޒު ކުރަން ޖެހޭނެ" ކަމަށެވެ.

އަދި ޔޫ.އެން.އޯ.ޑީ.ސީ. ގެ އެކްޓިން އެގްޒެކެޓިވް ޑިރެކްޓަރު ޖޯން ބްރަންޑޮލީނޯ ވިދާޅުވީ، މި ރިޕޯޓަކީ އަންހެނުން މެރުމުގެ ކުށްތައް ހުއްޓުވުމުގެ ސްޓްރެޓެޖީތަކާއި ޖިނާއީ ޢަދުލުގެ ރައްދުތައް ރަނގަޅު ކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ކަމެއް ކަމަށެވެ. 

އޭނާ އިތުރަށް ވިދާޅުވީ، "ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ އަންހެނުންނާއި އަންހެން ކުދިންނަށް އަދިވެސް ގެއަކީ ނުރައްކާތެރި، ބައެއް ފަހަރު މަރުގެ ދަންތުރައެއް ފަދަތަނެއް" ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން