ދުނިޔެ

ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ޖޯޑަންގައި ޓެލެގްރާމް މަނާކޮށްފި

ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ޖޯޑަންގައި ޓެލެގްރާމް މަނާކޮށްފި

ޖޯޑަންގެ ޕަބްލިކް ސެކިއުރިޓީ ޑައިރެކްޓަރޭޓް. ފޮޓޯ:ޑަބްލިޔު ޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ނޮވެމްބަރު 2026، 04:40

16 ނޮވެމްބަރު 2026، 04:40

ޤާނޫނާ ޚިލާފު އަދި ހައްދުފަހަނައަޅާފައިވާ ކޮންޓެންޓް ފެތުރުން ހުއްޓުވުމަށް ކަމަށް ބުނެ، މެސެޖިންގ އެޕްލިކޭޝަން ޓެލެގްރާމް ބޭނުންކުރުން ޖޯޑަންގެ ކަމާބެހޭ ފަރާތްތަކުން މަނާކޮށްފިއެވެ.

ޖޯޑަންގެ ޕަބްލިކް ސެކިއުރިޓީ ޑައިރެކްޓަރޭޓް (ޕީއެސްޑީ) އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި މި ފިޔަވަޅު އަޅާފައިވާކަން ހާމަކޮށްފައިވަނީ، ވޭތުވެދިޔަ މަހު އެ ޤައުމުގެ ގްރީކް އޮތޮޑޮކްސް ފައްޅިއަކަށް ދިން ޙަމަލާއެއްގައި ނުވަ މީހުން މަރުވި ހާދިސާއާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ހާދިސާ ހިނގާފައިވަނީ ކަރަކް ގަވަރުނަރޭޓްގެ ހައްމޫދު އަވަށުގައެވެ. މި ޙަމަލާއާ ގުޅިގެން ކުށް ސާބިތުވި ތިން މީހަކު ދަންޖައްސައި މެރުމަށް އާދީއްތަ ދުވަހު ވަނީ ޙުކުމްކޮށްފައެވެ.

ފައްޅިއަށް ދިން މި ޙަމަލާއާ ގުޅިގެން ޖޯޑަންއިން ވަނީ އަވައްޓެރި ސޫރިޔާއަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. ޖޯޑަންގެ ވެރިރަށް އައްމާނުން ހާމަކުރި ގޮތުގައި އެ ޙަމަލާތަކުގައި ފައްޅީގެ ޙަމަލާއާ ގުޅުންހުރި އައިއެސް ޖަމާޢަތުގެ 20 މެންބަރަކު ވަނީ މަރާލެވިފައެވެ. މީގެ އިތުރުން މި ހިނގާ މަހުގެ ތެރޭގައި ވެރިރަށް އައްމާނުގައި ޓެރަރިސްޓް ޙަމަލާއެއްގެ ގޮތުގައި ސިފަކޮށްފައިވާ ޙާދިސާއެއްގައި ސަލާމަތީ ބާރުތަކުގެ އޮފިސަރަކު މަރުވެ، އިތުރު އޮފިސަރަކު ވަނީ ޒަޚަމްވެފައެވެ.

ޕީއެސްޑީން ވަނީ ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކުރުމުގައި ރައްޔިތުން ސަމާލުވުމަށާއި، ވެރިފަރާތް ނޭނގޭ އެކައުންޓްތަކާއި ލިންކުތަކާ މުޢާމަލާތު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުވަތަ ކޮންޓެންޓެއް ފެނިއްޖެނަމަ ރަސްމީ ޗެނަލްތައް މެދުވެރިކޮށް ރިޕޯޓްކުރުމަށް ވެސް ވަނީ އެދިފައެވެ.

ރަޝިޔާގެ ވިޔަފާރިވެރިޔާ ޕަވެލް ޑުރޯވް 2013 ވަނަ އަހަރު އުފެއްދި ޓެލެގްރާމަކީ އައިއެސް ފަދަ ޖަމާޢަތްތަކުން ބޭނުންކުރާ ވަސީލަތެއް ކަމަށް ބެލެވެއެވެ. ޓެރަރިޒަމަށް އެހީތެރިވެދޭ ކަމުގެ ތުހުމަތުގައި ރަޝިޔާއިން ވަނީ ޖުލައި މަހު އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. އުމުރުން 42 އަހަރުގެ ޑުރޯވް މިވަގުތު ދިރިއުޅެމުންދަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ކަމަށް ބެލެވޭއިރު، ރަޝިޔާގެ ކޯޓަކުން ކުށް ސާބިތުވެއްޖެނަމަ އޭނާއަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ. މީގެ އިތުރުން ވެސް އެހެން ބައެއް ޤައުމުތަކުން އަންނަނީ އޭނާއާ ގުޅޭ މައްސަލަތައް ތަޙުޤީޤު ކުރަމުންނެވެ.

ޓެލެގްރާމްގައި އެންޑް-ޓު-އެންޑް އެންކްރިޕްޓް ކޮށްފައިވާ ޗެޓްތައް ހިމެނޭ ނަމަވެސް، ހުރިހާ މުޢާމަލާތްތަކަކީ އެންކްރިޕްޓް ކުރެވިފައިވާ މުޢާމަލާތްތަކެއް ނޫނެވެ. މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ސަރަޙައްދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މި އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ ގާތްގަނޑަކަށް އިންސައްތައަކީ އެ ސަރަޙައްދުގެ މީހުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450