ދުނިޔެ

ދެ މިލިއަން ފީފާ ތެލާއެކު ދަތުރުކުރި ސުޕަޓޭންކަރެއް ގަލްފަށް ބަންޑުންޖަހާލައިފި

ދެ މިލިއަން ފީފާ ތެލާއެކު ދަތުރުކުރި ސުޕަޓޭންކަރެއް ގަލްފަށް ބަންޑުންޖަހާލައިފި

ގަލްފް ކަނޑުން ދަތުރުކުރަމުންދިޔަ ބޯތުތަކެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ނޮވެމްބަރު 2026، 02:14

16 ނޮވެމްބަރު 2026، 02:14

ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ މިލިއަނަށް ވުރެ ގިނަ ފީފާގެ ސާފުނުކުރާ ތެޔޮ ބަރުކޮށްފައިވާ ސުޕަޓޭންކަރެއް ކަނޑުއަޑީ މައިނެއްގައި ޖެހި، އަލިފާން ރޯވުމަށްފަހު ފެތިފައިވާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އިން ބުނެފިއެވެ. ނަމަވެސް މި ހާދިސާ ހިނގިކަން އެހެން އެއްވެސް މުސްތަގިއްލު ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅީގެ ދެކުނު ސަރަހައްދުން ހުއްދަނެތް މަގަކުން ދަތުރުކުރި ތެޔޮ އުފުލާ ދެ ބޯޓެއް ކަނޑުއަޑީގެ މައިންތަކުގައި ޖެހި ބޮޑެތި ގޮވުންތަކެއް ގޮވައި އަލިފާން ރޯވެފައިވާ ކަމަށެވެ. މީގެ ތެރެއިން ދެ މިލިއަން ފީފާގެ ތެޔޮ ހުރި ސުޕަޓޭންކަރު ޕާޝިއަން ގަލްފުގެ ދެކުނު ސަރަހައްދަށް ބަންޑުންޖަހާލާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. މި ބަޔާނުގައި އެ ބޯޓުތަކުގެ ނަމެއް ނުވަތަ އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓުތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ފެބުރުވަރީ މަހުގެ ފަހުކޮޅު މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު ކަނޑުއޮޅިން ދަތުރުފަތުރު ކުރުން އީރާނުން ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ. އަދި އީރާނުގެ ހުއްދައާ ނުލައި ދަތުރުކުރާ އުޅަނދުތަކަށް އަމާޒުކޮށް އީރާނުން އަންނަނީ ތަކުރާރުކޮށް ހަމަލާތައް ދެމުންނެވެ. މިކަމާ ގުޅިގެން އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތަކަށް ކަނޑުމަގުން ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެ ސަރަހައްދުން ދަތުރުކުރާ ޓޭންކަރުތަކަށް ރައްކާތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. މީގެ އިތުރުން، މި ކަނޑުއޮޅީގެ މައިގަނޑު މަގުތަކުގައި ހުރި ހުރިހާ މައިންތަކެއް ނައްތާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ދާދިފަހުން ވަނީ ބުނެފައެވެ.

އެ ސަރަހައްދު ބަލަހައްޓާ އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވާ ގޮތުގައި، ހޫނުމޫސުމުން ފެށިގެން މިހާތަނަށް ގަލްފުގެ ގައުމުތަކުން 1.5 ބިލިއަން ފީފާގެ ތެޔޮ ހޮރްމުޒް މަގުން ބޭރުކުރުމަށް އެމެރިކާއިން ވަނީ އެހީތެރިކަން ދީފައެވެ.

މި ހާދިސާއާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ މެރިޓައިމް މޮނިޓަރިން އިދާރާ (ޔޫކޭއެމްޓީއޯ) އިން ބުނީ، ގަލްފުގެ ތެރޭގައި ޓޭންކަރަކަށް ހަމަލާއެއް ދީފައިވާ ކަމަށް އިންޑިއާގެ ޝިޕިން އިދާރާތަކުން ރިޕޯޓުކޮށްފައިވާ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ އީރާނުން ބުނާ ހާދިސާ ކަމެއް އަދި ސާފެއް ނުވެއެވެ. މި ހާދިސާގައި ލިބުނު ގެއްލުމާއި ތިމާވެއްޓަށް ކުރާނެ އަސަރު އަދި ނޭނގުނު ނަމަވެސް، އުޅަނދުގެ ފަޅުވެރިން ސަލާމަތުން ތިބި ކަމަށް ޔޫކޭއެމްޓީއޯ އިން މައުލޫމާތު ދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450