ދުނިޔެ

އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލައިގައި ނަތަންޔާހޫއަށް މަގާމުގައި ނުހުރެވޭނެ ކަމަށް އައިޒެންކޮޓް ބުނެފި

އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލައިގައި ނަތަންޔާހޫއަށް މަގާމުގައި ނުހުރެވޭނެ ކަމަށް އައިޒެންކޮޓް ބުނެފި

އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓް. ފޮޓޯ:ޑަބްލިޔުޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ނޮވެމްބަރު 2026، 01:23

16 ނޮވެމްބަރު 2026، 01:23

އިސްރާއީލުގެ އިންތިޚާބަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، އޭނާއަށް ސަރުކާރުގެ އިސް މަގާމުގައި އެންމެ މިނެޓަކުވެސް ދެން ނުހުރެވޭނެ ކަމަށް އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓް ބުނެފިއެވެ.

އިސްރާއީލުގައި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އައިޒެންކޮޓް މިހެން ބުނީ އިއްތިހާދު ސަރުކާރެއް އެކުލަވާލުމާ ގުޅޭގޮތުން ދެ ފަރާތުގެ މަންދޫބުން ބައްދަލުކުރިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ. އޭނާ އެކްސްގައި ލިޔުނު ގޮތުގައި، ދައުރު ނިމެމުންދާ ބޮޑުވަޒީރު ނަތަންޔާހޫ އާއި އޭނާގެ އަރިސް ބޭފުޅުންގެ މި އަމަލަކީ އިސްރާއީލުގެ ޑިމޮކްރަސީއަށް އޮތް ސީދާ އަދި ވަގުތުން ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ.

އިސްރާއީލުގެ ޗެނަލް 12 އިން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، އޮކްޓޯބަރު 27 ގައި ބޭއްވި އިންތިޚާބުގެ ކުރީ ދުވަހު ނަތަންޔާހޫގެ ޗީފް އޮފް ސްޓާފް އިދޯ ނޯޑަން ވަނީ ޔުނައިޓެޑް އަރަބް ލިސްޓް (ރާމް) ޕާޓީގެ މެންބަރުންނާ ދެކޮޅަށް ފުލުހުންގެ ކޮމިޝަނަރުގެ އޮފީހަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގައި، ނަތަންޔާހޫގެ އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ ޖާސޫސީ މަސްދަރަކާ ފުލުހުން ގުޅުވައިދިން ކަމަށް ވެއެވެ.

އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކޯޓު އަމުރެއް ނެތި 14 ފުލުހަކު ވަނީ ރާމް ޕާޓީގެ ތިން މެންބަރެއްގެ ގެއަށް ވަދެ، ވޯޓު ގަތުމަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި އެމީހުން ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މަސްދަރުން ދިން މައުލޫމާތަކީ އެއްވެސް އަސާސެއް ނެތް މައުލޫމާތެއްކަން އެނގުމުން ފުލުހުން ފަހުން ވަނީ އެ ތިން މީހުން ދޫކޮށްލާފައެވެ. އިންތިޚާބު ދުވަހު އަރަބި ޕާޓީތަކާ ދެކޮޅަށް ނަތަންޔާހޫ ވަރުގަދަ ކެމްޕޭނެއް ހިންގިއިރު، އެ ޕާޓީތަކުން 19 ގޮނޑި ކާމިޔާބު ކުރުމުން އޭނާ ވަނީ އެއްވެސް ހެއްކެއް ނެތި އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން، އިންތިޚާބު ދުވަހު އެތެރޭގެ ޖާސޫސީ އިދާރާ ޝިން ބެޓްގެ ވެރިޔާ ޑޭވިޑް ޒިނީ ވަނީ ފަލަސްތީނު ދަރިކޮޅުގެ އިސްރާއީލު 5 މެންބަރެއްގެ ފޯނު އަޑުއެހުމުގެ ހުއްދައަށް އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިފައި ކަމަށާއި، ނަމަވެސް އެ ހުއްދަ ނުދީ ބޭރުކޮށްލާފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އިސްރާއީލުގެ ކުރީގެ އަސްކަރީ ވެރިޔާ އައިޒެންކޮޓް ވަނީ މި މައްސަލަ ވަގުތުން ތަހުގީގުކޮށް، ފުލުހުންނާއި ޝިން ބެޓުން މިކަމުގެ ހަގީގަތް ސާފުކޮށްދިނުމަށް ގޮވާލާފައެވެ. ނަމަވެސް ނަތަންޔާހޫގެ ލިކޫޑް ޕާޓީން ވަނީ އައިޒެންކޮޓްގެ މި ވާހަކަތަކަކީ ބޮޑުވަޒީރާ ދެކޮޅަށް ހިންގި ނުރައްކާތެރި ފިތުނައެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ވެރިކަން ދެމެހެއްޓުމަށްޓަކައި ނަތަންޔާހޫ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ނަސްލީ އަދި އަނިޔާވެރި ކެމްޕޭނެއް ހިންގި ކަމަށް އައިޒެންކޮޓް ތުހުމަތުކޮށްފައިވާއިރު، އިއްތިހާދު ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫ އެދެމުންދާ އެދުމަކީ ކެހިވެރި ރޭވުމެއް ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް އައިޒެންކޮޓްގެ ޔަޝާރު ޕާޓީއާއި ލިކޫޑް ޕާޓީއާ ދެމެދު މަޝްވަރާތައް ހިނގަމުންދާކަން އޭނާ ކަށަވަރުކޮށްދީފައިވެއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑި އަދި މިހާތަނަށް އެއްވެސް ފަރާތަކަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450