ދުނިޔެ
ޣައްޒާއަށް ވައްދަން އެއްބަސްވި އެހީގެ ދެބައިކުޅައެއްބައިވެސް އިސްރާއީލުން ނުވައްދާ
ޣައްޒާއަށް އެހީގެ ޓްރަކްތަކެެއް ވައްދަނީ
އެމެރިކާ އިސްވެ އޮވެ ހަމަޖެއްސި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް ވެއްދުމަށް އިސްރާއީލުން އެއްބަސްވި އިންސާނީ އެހީ އާއި ވިޔަފާރި މުދާ އުފުލާ ލޮރީތަކުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބަޔަށްވުރެ ގިނަ ލޮރީ އެތެރެކުރަން ހުއްދަދީފައި ނުވާކަން އިސްރާއީލުގެ އަސްކަރިއްޔާގެ ރަސްމީ ހިސާބުތަކުން ހާމަވެއްޖެއެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒްއަށް ލިބިފައިވާ މި މަޢުލޫމާތުތަކަކީ ކޯޑިނޭޓަރ އޮފް ގަވަރމަންޓް އެކްޓިވިޓީސް އިން ދަ ޓެރިޓަރީސް (ކޮގަޓް) އިން އެމެރިކާގެ ސިވިލް-މިލިޓަރީ ކޯޑިނޭޝަން ސެންޓަރަށް ހިއްސާކޮށްފައިވާ އަދި އދ. އިންވެސް ކަށަވަރުކޮށްދީފައިވާ ހިސާބުތަކެކެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައިވާ ގޮތުން، ކޮންމެ ހަފުތާއަކު ގާތްގަނޑަކަށް 4,200 ލޮރީގެ އެހީ އާއި މުދާ ޣައްޒާއަށް ވެއްދުމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ. މިއީ މަހަކު ގާތްގަނޑަކަށް 18,200 ލޮރީ، ނުވަތަ ދުވާލަކު 600 ލޮރީއެވެ. އެހެން ނަމަވެސް، 2026 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން މިހާތަނަށް ގިނަ މަސްތަކުގައި އެތެރެކުރެވުނު މިންވަރު ހުރީ މި ޢަދަދަށްވުރެ އެތައް ގުނައެއް ދަށުގައެވެ.
މާރިޗު މަހު އެތެރެކުރެވުނީ އެއްބަސްވި ޢަދަދުގެ ހަތަރުބައިކުޅައެއްބައި ކަމަށްވާ ގާތްގަނޑަކަށް 4,700 ލޮރީއެވެ. އެންމެ ގިނައިން ލޮރީ ވަން ސެޕްޓެމްބަރު މަހު 13,000 އަށްވުރެ ގިނަ ލޮރީ ވަދެފައިވީ ނަމަވެސް، އޮކްޓޫބަރު މަހު އެ ޢަދަދު ވަނީ 6,500 އަށްވުރެ ދަށަށް ވެއްޓިފައެވެ.
ޣައްޒާއަށް އެތެރެކުރެވުނު ތަކެތީގެ ތެރެއިން ގާތްގަނޑަކަށް %70 އިން %80 އަކީ ކާބޯތަކެއްޗެވެ. ނަމަވެސް ގެދޮރު ހަލާކުވެފައިވާ މީހުންނަށް ބޭނުންވާ ޓެންޓާއި، ބޭސްފަރުވާގެ ސާމާނާއި، އަދި ހަލާކުވެފައިވާ އިންފްރާސްޓްރަކްޗަރ މަރާމާތުކުރުމަށް ބޭނުންވާ ސާމާނު ލިބުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ދަނޑުވެރިކަމަށް ބޭނުންކުރި ބިމުގެ %97 ހަލާކުވެފައިވުމުން، އެ ސަރަޙައްދުގެ ރައްޔިތުން މުޅިންހެން ބަރޯސާވާން ޖެހިފައިވަނީ ބޭރުން ގެންނަ އެހީއަށެވެ. މީގެއިތުރުން އިންސާނީ އެހީ ފޯރުކޮށްދޭ 36 ޖަމްޢިއްޔާއަކަށް ޣައްޒާއަށް އެހީ ވެއްދުން އިސްރާއީލުން ވަނީ މަނާކޮށްފައެވެ.
ފިނިމޫސުން ފެށި، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންގެ ދިރިއުޅުން ވަނީ އިތުރަށް ދަތިވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން 46,000 އާއިލާއެއްގެ ގާތްގަނޑަކަށް 226,000 މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އދ. ގެ އޯޗާ (OCHA) އިން ބުނާއިރު، ފެންބޮޑުވުމުގެ ނުރައްކާ އޮތް ސަރަޙައްދުތަކުގައި 950,000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ އިންޒާރުދީފައެވެ.
އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެނެޑާ އަދި އިޓަލީގެ ޚާރިޖީ ވަޒީރުން ވަނީ ބޯޑަރުތަކުގައި ހިފަހައްޓާފައިވާ 150,000 ޓެންޓާއި އަސާސީ ސާމާނު ވަގުތުން ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދިނުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ. 10 އޮކްޓޫބަރު 2025 ގައި ޢަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވެ ދިން ހަމަލާތަކުގައި މިހާތަނަށް 1,643 ފަލަސްޠީނު މީހުން ޝަހީދުވެ، 5,964 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.